04 Jun 2023, 19:30
ގދ. ތިނަދޫގައި ޤާއިމްކުރާ ޑީކޯ (ހައިޕަބޭރިކް) ޗެމްބާގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.
މިދިޔަ މާޗު މަހު ތިނަދޫގައި އާބަންކޯއިން ގާއިމް ކުރަން ފެށި މި ޑީކޯ ޗެމްބާއަކީ އެ ކޯޕަރޭޝަންގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މިއީ އާބަންކޯގެ ސީއެސްއާރް މަސައްކަތެކެވެ.

ގދ. ތިނަދޫގައި ޤާއިމްކުރާ ރާއްޖޭގެ ދެވަނަ ޑީކޯ ޗެމްބަރު -- ފޮޓޯ/ އާބަންކޯ
އާބަންކޯއިން ބުނީ ހުވަދޫ އަތޮޅުގައި މި ޗެމްބާ ގާއިމްކުރެވިގެން ދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅު ކަމަށާއި މަސްވެރިކަމުގައި އުޅޭ އިރު މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ހިނގާފައިވާ ކަމަށާއި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އޭގެ އިތުރުން، އެ ކުންފުނީގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބާ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށް ވެގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މިފަހުން އޭޑީކޭ ހޮސްޕިޓަލުގެ ހައިޕަބެރިކް ޔުނިޓް ހުޅުވުމާ ހަމައަށް ޑީކޯ ވެގެން ފަރުވާދެވޭނެ ހަމައެކަނި ޗެމްބަރުތައް ހުންނަނީ ރިސޯޓުތަކުގައެވެ. މި ޗެމްބަރުތައް ހުންނަނީ ބަނޑޮސް އައިލެންޑް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓުގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓާއި ކަނޑިންމަ މޯލްޑިވްސްގައެވެ.