20:30


އެންމެ އާދައިގެ ޓްރެކިން ޑިވައިސްއަކާއި ވަތަނިއްޔާގެ ކަނެކްޝަނެއް ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެމީހުންގެ އަގުބޮޑު މުދާ ހުރީ ރައްކާތެރި ހާލަތެއްގައިތޯ ކަސްޓަމަރުންނަށް ބަލާލެވޭނެ ގޮތަށް ޑަބްލިޔު ލޮކޭޓްގެ ނަމުގައި ޓްރެކިން ޚިދުމަތެއް ވަތަނިއްޔާއިން ތަޢާރަފްކޮށްފި އެވެ.


ވަތަނިއްޔާގެ އެކްޓިން ހެޑް އޮފް މާކެޓިން، ކޮމިއުނިކޭޝަން އައިޝަތު ޒަމްރާ ޒާހިރު މިއަދު ވިދާޅުވީ ވަތަނިއްޔާއިން ރާއްޖެ އަށް އަލަށް ތަޢާރަފްކުރި އެ ޚިދުމަތަކީ ކަސްޓަމަރުންނަށް އެމީހުންގެ މުދާ ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ޚިދުމަތެއް ކަމަށެވެ. އަދި ޓްރެކިން ސިސްޓަމް މެދުވެރިކޮށް އެމީހެއްގެ މުދާ ހުރި ހިސާބާއި އަދި އެމުދާ އެހެން މީހަކު ވަގަށް ނަގައިގެން ގެންގޮސްފި ނަމަވެސް އެނގޭނެ ކަމަށް ޒަމްރާ ވިދާޅުވި އެވެ.


އެތައް ފީޗާއެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޑަބްލިޔު ލޮކޭޓްގެ ޚިދުމަތްތަކުގެ ތެރޭގައި ވަގުތުން ވަގުތަށް އެ އެއްޗެއް އޮތް ތަނެއް އަންގައިދިނުމާއި، ރިޕޯޓާއި، ގޫގުލް މެޕްގެ އިތުރުން އަމިއްލަ އަށް ހިމަނާ މެޕަކުން ވެސް އޮތްތަން އަންގައިދޭނެ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ. ވަތަނިއްޔާއި ބުނީ އުޅަނދެއް ބޭއްވި ސަރަހައްދުން ފެށިގެން ކަނޑައަޅާފައިވާ ބައުންޑަރީ އަކުން ބޭރަށް ގެންގޮސްފިނަމަ އެސްއެމްއެސް މެދުވެރިކޮށް އެކަން ވެރިފަރާތަށް އަންގައިދޭނެ ކަމަށެވެ. އަދި އުޅަނދުގައި ތެޔޮ ހުރި މިންވަރާއި، ފިނިކޮށް މުދާ އުފުލާ އުޅަނދުފަހަރުގައި ފިނިހޫނުމިން ހުރި މިންވަރު އަންގައިދޭނެ ކަމަށް ވެސް ވަތަނިއްޔާއިން ބުނެ އެވެ. މީގެ އިތުރުން ވެސް އެ އުޅަނދެއް ދަތުރު ކުރި ދުރުމިނާ ދަތުރުކުރި މިންވަރުގެ އިތުރުން ބާރު ސްޕީޑްގައި ދުއްވި މިންވަރު ވެސް އެނގިގެންދާނެ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ.


ޑަބްލިޔު ލޮކޭޓް ޖީޕީއާރުއެސް އާއި ޑަބްލިޔު ލޮކޭޓް ސެޓެލައިޓްގެ ނަމުގައި ތައާރަފްކޮށްފައިވާ ދެ ޕެކޭޖްގެ ތެރެއިން ޑަބްލިޔު ލޮކޭޓް ޖީޕީއާރުއެސް އެއް ޕެކޭޖެއްގެ ސެޓަޕް ފީ އަކީ 675 ރުފިޔާ އެވެ. އަދި މި ޕެކޭޖްގެ މަހުފީ އަކީ 665 ރުފިޔާ އެވެ. ޑަބްލިޔު ލޮކޭޓް ސެޓެލައިޓް ޕެކޭޖެއްގެ ސެޓަޕް ފީ އަކީ 1350 ރުފިޔާ އަދި ދެ ހާސް ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަންޖެހޭ އެ ޕެކޭޖްގެ މަހުފީ އަކީ 1،200 ރުފިޔާ އެވެ.