އެމެރިކާގެ ބޮޑެތި ވަޔަލެސް ކެރިއަރުތަކުން އަގުހެޔޮކޮށް ވަޔަލެސް ޚިދުމަތް ހޯދުމަށް އެމެޒޯން އާއި މަޝްވަރާ ނުކުރާ ކަމަށް ބުނެފިއެވެ.

އެމެރިކާގެ ކުންފުނިތަކުން މިހެން ބުނިކަމުގައި ވިޔަސް، ބްލޫމްބާގް ނިއުސް އިން މިދިޔަ ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ވަޔަލެސް ހިއްސާގެ އަގުތައް އެމެރިކާގައި ދަށަށް ގޮސްފައި މިވަނީ އެމެޒޯން އިން ހޯލްސޭލް އަގުތައް ވަރަށް ބޮޑަށް ދަށްކުރުމަށް މަޝްވަރާ ކުރުމަށް ނިންމުންނެވެ.

އެމެޒޯންއިން އެމެރިކާގެ އެކި ސްޓޭޓްތަކުގައި މުޅިން އަލަށް ފަށާ ޑިޝް ނެޓްވޯކް (ޑިޝް) އާ އެކު ޓައިއަޕް ހެދުމުގެ އިތުރުން ޕާޓްނާޝިޕްގެ ތެރެއިން ޕްރައިމް މެމްބަރުންނަށް މަހަކު 10 ޑޮލަރަށް ނުވަތަ އެއަށް ވުރެވެސް ކުޑަ އަގެއްގައި ވަޔަލެސް ޕްލޭންތައް ދިނުމަށް އެމެޒޯންއިން ހުށަހަޅާފައި ވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އެމެޒޯންގެ ތަރުޖަމާނު ވިދާޅުވީ ޕްރައިމް މެމްބަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށް އަބަދުވެސް ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިވަގުތު ވަޔަލެސް އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އޭޓީ އެންޑް ޓީ، ވެރިޒޯން އަދި ޓީ މޯބައިލް އިން ވަނީ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

"އޭޓީ އެންޑް ޓީ އިން ވަޔަލެސް ހިދުމަތްތައް އަލުން ވިއްކުމަށް އެމެޒޯންއާ މަޝްވަރާއެއް ނުކުރޭ،" އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ވެރިޒޮންގެ ތަރުޖަމާނުވެސް އެ ކުންފުނިން ވަޔަލެސް ނެޓްވޯކް އަލުން ވިއްކުމާއި ގުޅޭ ގޮތުން އެމެޒޯންއާ މަޝްވަރާނުކުރާކަމަށް ވަނީ ބުނެފައެވެ.

ޓީ-މޮބައިލް އިން ބުނީ "ޕްރައިމް ސާވިސްގައި ވަޔަލެސް ހިމެނުމާ ބެހޭ ގޮތުން މަޝްވަރާ ނުކުރާ ކަމަށާއި، ވަޔަލެސް ސާވިސް އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެމެޒޯން އިން އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އެމެޒޯންއިން އެމީހުންގެ ޑިޝްނެޓްވޯކްގެ ޚިދުމަތް ފުޅާ ކުރުމާގުޅޭ ވާހަކަތަކާއެކު އެކުންފުނީގެ ހިއްސާ 1.2 އިންސައްތަ އުފުލިފައިވާއިރު، ވެރިޒޯން އަދި އޭޓީއެންޑްޓީ ތިން އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާއިރު ޓީ މޯބައިލްގެ ހިއްސާ ވަނީ 6.4 އިންސައްތަ ދަށަށް ގޮސްފައެވެ.

އެމެރިކާގެ ކީބެންކް ކެޕިޓަލް މާކެޓްސްގެ ބްރޭންޑަން ނިސްޕެލް ވިދާޅުވީ ވަޔަލެސް އަށް އަލަށް ނުކުންނަ ޑިޝް ނެޓްވޯކަކީ އެމެޒޯންގެ އެންމެ ގާތް ބައިވެރިޔާ ކަމަށް ވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމެއްގެ ސަބަބުން ޑިޝްގެ ނެޓްވޯކް ބިނާކުރުމަށް އެހީތެރިވެދޭނެ ފައިނޭންސިންއަށް އެކްސެސް ލިބޭނެ ކަމަށެވެ. އެހެން ކެރިއަރުތަކުން އެމެޒޯންއާ އެކު ޕާޓްނާޝިޕް ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި އެއީ އިންޑަސްޓްރީގެ ހާލަތު ބަދަލުކުރަން ބޭނުން ނުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.