އިސްލާމިކް ފައުންޑޭޝަންގެ މިލަދޫ ގޮފިން އިސްނަގައިގެން ނ. މިލަދޫގައި ރޭ ބާއްވަން އުޅުނު ޝައިހު އިބްރާހިމް ފައީދުގެ ދަރުސަކަށް އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހުރަސްއެޅުމުން، ދަރުސް ކެންސަލްކޮށްފި އެވެ.

" އެންމެ ނުރައްކާތެރިވަބާ" މިނަމުގައި މިލަދޫ ސްކޫލް ހޯލުގައި ރޭ 20:30ގައި ބޭއްވުމަށް ހަމަޖެއްސި ދަރުސް ކެންސަލްކުރީ އެ ސްކޫލް ކައިރިއަށް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

މިލަދޫ ކައުންސިލްގެ ރައީސް ހަސަން ޣައްސާން މިއަދު ވިދާޅުވީ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ދަރުސަށް ހުރަސްއަޅާފައި ވަނީ އެ ރަށު ކައުންސިލުން ރޭވި ރައްޔިތުންގެ ބައްދަލުވަކަށް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ނުކުމެ ހުރަސްއަޅާފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ އެއްވި މީހުން ބުނަމުންގެންދިޔައީ ކައުންސިލުން ބާއްވަން އުޅުނު ރައްޔިތުންނާ ގުޅުން ހުރި ބައްދަލުވުމަކަށް އެމްޑީޕީ އިން ނުކުމެ ހުރަސްއަޅާފައި، އެބައްދަލުވުން ބޭއްވުމުގެ ފުރުސަތު ދީފައިނުވާތީ މަދަނީ ޖަމާއަތްތަކުގެ އެއްވެސް ހަރަކާތްތަކެއް ބޭއްވިޔަކަ ވެސް ނުދޭނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ އެ ރަށު ސްކޫލް ހޯލްގައި ރޭ ބާއްވަން ހަމަޖެއްސި ދަރުސް އިންތިޒާމްކުރި ފަރާތުން އެ ދަރުސް ކެންސަލްވެއްޖެކަން ރޭ އިޢުލާން ކުރިއިރު ވެސް އެތަނަށް ޝައިހު ފަރީދު ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގެ އެއްގަޑި އިރު ކުރިން ޝައިހު ފަރީދު ރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ހާލަތަށް ބައްލަވާލައްވައި ދަރުސް ދެއްވަން ގަސްދުނުކުރައްވާ ކަމަށް ފަރީދު ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅިވި އެވެ.

"މިކަހަލަ ހާލަތެއްގައި މިކަހަލަ ހަމަނުޖެހުން ބޮޑު ހިސާބެއްގައި ރައްޔިތުން އޮއްވާ ދަރުސް ނުދެއްވާނެ ކަމަށް ފަރީދު ވިދާޅުވި. ރަށުގެ ހާލަތު އޮތް ގޮތް ކުރިން އެނގިވަޑައިނުގެންނަވާ ކަމަށާއި އެނގިވަޑައިގެންނެވި ނަމަ އެ ރަށަށް ވަޑައިނުގެންނަވާނެ ކަމަށް ވެސް ފަރީދު ވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށް ރޭ އިރާކޮޅު ވިދާޅުވަފައި،" ޣައްސާން ވިދާޅުވި އެވެ.

ފަރީދުގެ ދަރުސަށް ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ހުރަސްއަޅައި އަޑުގަދަކޮށް ހެދި ނަމަވެސް އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.