ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދު 177 ބިލިއަން ރުފިޔާއަށް ކުރިއަރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ބިން ހިއްކުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތުން ރާއްޖޭގެ ހާލަތު، ވަރުހުރި އިގުތިސާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސާދު ދެގުނަ ވެގެންދާ ދިއުމަކީ ކުރު މުއްދަތަކުން ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލުކަން ރައީސް ފާހަގަކުރެއްވިއެވެ.

"މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމުލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. މީގެ ފަސް އަހަރު ފަހުން، ރާއްޖޭގެ އިގުތިސާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ. އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު މިދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގުތިސާދު ފުޅާކުރުމަށް ޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިގުތިސާދީ ދުންކަރާހެއް ކަމަށެވެ. އަދި ވިދާޅުވީ އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި ދަނީ ސަރާސަރުވެ، ފެތުރެމުން ކަމަށެވެ.

ރާއްޖެ އެކުގައި ތަރައްގީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ ކަމަށާއި އޭގެ އިތުރުން ހަމަހަމަ ކަމާއި އުފާވެރި، އަދި ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ވެސް ދިވެހިންނަށް ނުލިބޭނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްގީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ހަމަ އައްޑޫ ސިޓީ،" ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއާއެކު އެ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފެށުނީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް، އައްޑޫ ސިޓީއަށް މި ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެކަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.