ޑިޒްނީގެ ދަ ލިޓްލް މާމެއިޑް ކާޓޫނަށް ތައްޔާރުކުރި ލައިވް އެކްޝަން ފިލްމު ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދަމުން އެބަ ދެއެވެ.

ލިޓްލް މާމެއިޑްގެ ލައިވް އެކްޝަން ފިލްމެއް ދައްކަން ފަށާފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. އެއާ އެކު ފިލްމަށް އަންނަނީ ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ. ފިލްމު ސިނަމާތަކުގައި ދައްކަމުން އަންނަތާ މިހާރު ހަފުތާއެއް ވެފައިވާއިރު ފިލްމަށް ވަނީ 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މިިދިޔަ ހަފުތާއާ އެކު ފިލްމު އޮތީ ދުނިޔޭގެ ގިނަ ކަންކޮޅުތަކެއްގެ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ. ފިލްމުގެ އާމްދަނީ 300 މިލިއަން ޑޮލަރާ ގާތް ކުރާއިރު ފިލްމަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބެމުން އަންނަނީ އެމެރިކާގައެވެ. އާންމުކޮށް ފިލްމުގެ އާމްދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވާނެއެވެ. ނަމަވެސް މި ފަހަރު އާމްދަނީގެ ބޮޑު ބައެއް ލިބިފައިވަނީ އެމެރިކާއިންނެވެ.

ފިލްމުގެ ރިވިއުތަކަށް ވެސް ހިޔާލު ތަފާތުވުން އެބަހުއްޓެވެ. ކްރިޓީކުން ބުނާ ގޮތުގައި ފިލްމު މައިގަނޑު ގޮތެއްގައި ރަނގަޅެވެ. ނަމަވެސް އެންމެ ފުރިހަމަ ނޫން ފިލްމު ކަމުގައި ކްރިޓީކުން ފާހަގަކުރެއެވެ. ރޮޓެން ޓޮމާޓޯސްގައި ކްރިޓީކުންގެ ފަރާތުން ފިލްމަށް 68 ޕަސެންޓް ލިބޭ އިރު އާންމުންނަށް ފިލްމު ވަރަށް ކަމުދެއެވެ. އެގޮތުން އާންމުންގެ ރޭޓިން ފިލްމަށް އުޅެނީ 95 ޕަސެންޓުގައެވެ.

ރޮބް މާޝަލް ޑައިރެކްޓުކުރި މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ހެލީ ބެއިލީ އާއި ޖޯނާ ކިންގް އާއި މެލިސާ މެކާތީ އަދި ޖެސިކާ އެލެގްޒެންޑްރާއެވެ. އޭގެ އިތުރުން ބައެއް މުހިއްމު ރޯލުތަކަށް ވަނީ އަކުއާފީނާ އާއި ޑަވީޑް ޑިގްސް އާއި ޖޮނަތަން ޓްރެމްބްލީ އަޑު އަޅާފައެވެ.