04 Jun 2023, 09:23
އިޓަލީގައި ހުރި ވައިން ޔާޑެއް ހޯދުމަށް މަޝްހޫރު އެކްޓަރު ބްރެޑް ޕިޓް އޭނާގެ ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީއާ ދެކޮޅަށް އިތުރު މައްސަލައެއް ހުށަހަޅައިފިއެވެ.
ބްރެޑް ޕިޓް އެންޖަލީނާ ޖޯލީއަށް ދެކޮޅަށް މިދިޔަ އަހަރު ވެސް ވަނީ މި މައްސަލަ ހުށަހަޅައިފައެވެ. މި މައްސަލަައިގައި ކުރީން ބުނެފައިވަނީ އެ މީހުން އެކުގައި ހިންގި ރާ ކުންފުނީގެ އެންޖަލީނާގެ ޝެއާ އޭނާ އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ ބްރެޑްގެ ވިޔަފާރިއަށް އެންޖަލީނާ ގެއްލުންދޭން މަސައްކަތް ކުރާ ކަމަށެވެ. އަދި، އޭނާގެ އަބުރު ކަތިލަން ވެސް މަސައްކަތް ކުރާ ކަމަށެވެ.
އެންޖަލީނާ އާއި ބްރެޑް ކައިވެނި ކޮށްގެން އުޅުނު އިރުގައި ދެ މީހުން ޝެއާ އޮންނަހެން ވަނީ "ޝަޓޫ މިރަވަލް ވައިން"ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. އެ ދެ ތަރިން ވަރިވުމަށް ފަހު އެންޖަލީނާ އޭނާގެ ޝެއާ ބްރެޑް ޕިޓަށް ނޭނގި ވިއްކާލީ ކަމަށް އޭނާ ހުށަހެޅި މައްސަލައިގައި ކުރިން ބުނެއެވެ.
ބްރެޑް ވަނީ އަނެއްކާ ވެސް މި މައްސަލައާ ގުޅިގެން އާ ލިޔުންތަކެއް ހުށަހަޅާފައެވެ. މި ލިޔުންތަކުގައި ބްރެޑް ޕިޓް ބުނަނީ އެންޖެލީނާގެ އަމަލުތަކަކީ ބްރެޑް ފަގީރުކޮށްލައި އެންޖެލީނާ އަމިއްލައަށް އެކަނި މުއްސަނދިވާން ހިންގި އަމަލުތަކެއް ކަމަށެވެ.
ބްރެޑް ޕިޓް އަލަށް ހުށަހެޅި ލިޔުންތަކަކީ އޭނާގެ މައްސަލައާ ގުޅިގެން އެންޖެލީނާ ހުށަހެޅި ލިޔުންތަކަށް ޖަވާބު ދިނުމަށް ހުށަހެޅި ލިޔުންތަކެކެވެ.
އެއް އިރެއްގައި ހޮލީވުޑްގައި އެންމެ ވަރުގަދަ ޖޯޑުގެ ގޮތުގައި ފާހަގަކުރެވުނު މި ދެމީހުން ވަނީ 2012 ވަނަ އަހަރުގައި އެންގޭޖް ވެފައެވެ. އަދި 2014 ވަނަ އަހަރުގައި ކައިވެނި ކުރި އިރު 2016 ވަނަ އަހަރުގައި ވަނީ ދެމަފިރިން ވަރިވެފައެވެ. އެއަށްފަހު ގެވެށި އަނިޔާގެ އެކި މައްސަލަތަކެއް ވަނީ ބްރެޑް އާ ދެކޮޅަށް އެންޖެލީނާ ހުށަހަޅާާފައެވެ. މީގެ ރައްދެއްގެ ގޮތުން ބްރެޑް އަންނަނީ އެންޖެލީނާގެ ނަން ހަޑި ކުރުމަށް އެކި ކަހަލަ މަސައްކަތް ކުރަމުންނެވެ.