29 Apr 2012, 13:41
ސޯޝަލް ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދަ މެދުވެރިކޮށް މިދިޔަ ތިން މަސް ދުވަހު އެންމެ ގިނަ މީހުން ހިދުމަތް ހޯދި ހޮސްޕިޓަލަކަށް އޭޑީކޭވެ، އެ ސްކީމުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޭޑީކޭ ހޮސްޕިޓަލަށް އެކަނި ހަރަދުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމެޓީން އެކުލަވާލި އާސަންދަ އާ ބެހޭ ރިޕޯޓްގައި ހިމަނާފައިވާ ހިސާބުތައް ދައްކާ ގޮތުން އެޑްމިޓްނުކޮށް އަދި ތަކުރާރު ވުމެއް ނެތި 45218 މީހަކު އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވާ އިރު އާސަންދައިން 104454 ޓްރާންސެކްޝަނެއް ވަނީ އެ ހޮސްޕިޓަލް މެދުވެރިކޮށް ހަދައިފަ އެވެ. އެ ހުރިހާ ހިދުމަތަކަށް 46.7 މިލިއަން ރުފިޔާ ވަނީ އާސަންދަ އިން އޭޑީކޭ އަށް ހަރަދުކޮށްފަ އެވެ.
މާލޭ ހެލެތް ސާވިސަސް ކޯޕަރޭޝަންގެ ދަށުގައިވާ، އައިޖީއެމްއެޗުން ތަކުރާރުވުމެއް ނެތި މިދިޔަ ތިން މަހު 45324 މީހުން ހިދުމަތް ހޯދާފައި ވިޔަސް އެ ހޮސްޕިޓަލަށް ހިނގާފައި ވަނީ 34.2 މިލިއަން ރުފިޔާ އެވެ. ސެންޓްރެލް ކްލިނިކުން ތަކުރާރުވުމެއް ނެތި 17069 މީހަކު ހިދުމަތް ހޯދާފައި ވާއިރު 11.3 މިލިއަން ރުފިޔާ ވަނީ އާސަންދައިން އެ ކުލިނިކަން ހަރަދުވެފަ އެވެ. އަދި ސެންޓްރަލް މެޑިކަލް ސެންޓަރަށް 8.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު އައިއެމްޑީސީ އަށް 1.3 މިލިއަން ރުފިޔާ އާސަންދައިން ހަރަދުކުރި އެވެ. މުޅި ޖުމްލަ މާލޭގެ ހޮސްޕިޓަލްތަކަށް މިދިޔަ ތިން މަހު އާސަންދައިން ޖުމްލަ 102 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮމެޓީގެ ބަހުސް މަރުހަލާގައި ވެސް މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗް ތަރައްގީ ކުރަން ޖެހިފައިވާ އިރު މާލޭގައި ހުރި ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ އާއި ދެ ތިން ކުލިނިކަށް އާސަންދައިގެ ބޮޑުބައެއް ހަރަދުވެގެންދާ މައްސަލަ އެވެ. އެ މައްސަލައިގައި ބައެއް މެންބަރުން ވަނީ ހޮސްޕިޓަލްތަކުން ކޮންމެހެން ބޭނުންނުވާ ހިދުމަތްތައް އާންމުންނަށް ދީގެން ފައިސާ ނަގާ ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް މިދިޔަ ތިން މަހު ހިނގާފައި ވަނީ 43.3 މިލިއަން ރުފިޔާ އެވެ. ފާމަސީތަކަށް އާސަންދައިން 44.4 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އަދި އައިނު ހަދާފައިވާ ފަރާތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އަދި ރާއްޖެ އާއި ރައްޖޭން ބޭރަށް ދަތުރުކުރުމަށް ޓިކެޓަށް 6.5 މިލިއަން ރުފިޔާ ވަނީ ހިނގައިފަ އެވެ. އަދި ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރުމަށް 24.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު އާސަންދައިންގެ ހިދުމަތް ފެއްޓި ފަހުން މިވީ ތިން މަސް ދުވަހު އެ ސްކީމުން ވަނީ ތަކުރާރުވުމެއް ނެތި 92630 މީހުން ހިދުމަތް ހޯދައިފަ އެވެ. އެ އެންމެނަށް މުޅި ޖުމްލަ 225 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
ކޮންމެ މީހަކަށް އަހަރަކު 100،000ރ. ހިލޭ ބޭސްފަރުވާ ކުރެވޭ އާސަންދަ ހިންގުމަށް ބަޖެޓް ކޮސްފައި ވަނީ 720 މިލިއަން ރުފިޔާ އެވެ. މި އަހަރު އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހުތެރޭ 720 މިލިއަން ރުފިޔާގެ ބަޖެޓް މުޅިން ހުސްވާނެ ކަމަށް މާލިއްޔަތު ކޮމެޓީން ވަނީ ލަފާކޮށްފަ އެވެ. އާސަންދައިން ދުވާލެއްގެ މައްޗަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް އާސަންދަ ކުންފުނިން ބުނެ އެވެ. ޑޮކްޓަރަށް ދެއްކުމާއި އެޑްމިޓްނުކޮށް ހޯދޭ އެކި ފަރުވާތަކަށް ސްކީމްގައި ކަނޑައަޅާފައިވާ 10،000ރ. ގެ ލިމިޓް 250 ހަށްވުރެން ގިނަ މީހުންގެ ލިމިޓް ވަނީ ކަޓައިފަ އެވެ.