03 Jun 2023, 19:58
ސްޕެއިން ފޯވަޑް މާކޯ އަސެންސިއޯ، ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމާފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
އުމުރުން 27 އަހަރުގެ އަސެންސިއޯ، ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ މި މަސް ނިމުމުންނެވެ. އަށް އަހަރަށްފަހު ރެއާލް ދޫކޮށްލަން ނިންމާފައިވާ އަސެންސިއޯ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިންނެވެ. އޭނާއަށް އަހަރަކު ދިހަ މިލިއަން ޔޫރޯ (11 މިލިއަން ޑޮލަރު) ލިބޭ ހުށަހެޅުމެއް ޕީއެސްޖީން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަސެންސިއޯއަށް ރެއާލާއެކު ހަދާފައިވާ ކޮންޓްރެކްޓު އާކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، މިމަހު އޭނާ ނިންމީ އާ ކޮންޓްރެކްޓެއްގައި ސޮއި ނުކުރުމަށެވެ. މޮޔާކާ އިން 2014 ވަނަ އަހަރު ރެއާލާ ގުޅުނު އަސެންސިއޯގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް އެ ކްލަބުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި އަސެންސިއޯ ހޯދާފައިވާ ކާމިޔާބީތަކުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި އަބަދުވެސް ރެއާލް ވެގެންދާނީ އޭނާގެ "ހޯމް" އަށް ކަމަށެވެ. އަދި ކުރިމަގުގައި ވެސް އަސެންސިއޯއަށް ކާމިޔާބީއަށް އެދޭ ކަމަށް ރެއާލުން ބުންޏެވެ.
އަސެންސިއޯ ވަނީ ރެއާލުން ވަކިވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ.