މާލޭގެ މަޖީދީ މަގުގައި ދެގޭންގަކުން ރޭ ހިންގަން އުޅުނު މާރާމާރީ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފިއެވެ.

ދެ ގޭންގަކުން ރޭ 11:25 ހާއިރު މާލޭގެ މަޖީދީމަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅެނިކޮށް ވަނީ ހައި ވިޒިބިލިޓީ ފުލުހުން އެ މީހުން ހުއްޓުވާފައެވެ. އަދި އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ވަކި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ވަނީ ފިލާފައި ކަމަށާއި އެގޮތުން އެ މީހުން ފިލާފައި ވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށެވެ.

އެ ސަރަހައްދުގައި މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ފިލާފައި ވާތީ ފިލި މީހުން ދެނެގަނެ، އެމީހުން ހޯދުމުގެ މަސައްކަތް އަންނަނީ ފުލުހުން ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ބަލާންޖެހޭ ކަންކަން ބެލުމަށް ޓަކައި ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.