29 Apr 2012, 13:23
އޭވައިއެލްގެ ފޯވާޑް އާދަމް ލަރީފް (ރޮނާ) ގެ ޑިސިޕްލިން ރަނގަޅު ކުރަންޖެހޭ ކަމަށް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި އިއްޔެ ނިއުރޭޑިއަންޓު އަތުން 3-0 ލަނޑުން އޭވައިއެލް ބަލިވި މެޗަށްފަހު އާތީ ބުނީ، ރޮނާގެ ޑިސިޕްލިން ރަނގަޅު ކުރަންޖެހޭ ކަމަށާއި މިހާރު އޭނާ ޑިސިޕްލިން ދަނޑު މަތީގައި ހުންނަ ގޮތުން، ކުޅޭ ކޮންމެ މެޗެއްގައި ކާޑެއް ހޯދާ ކަމަށެވެ. އެހެން ކަމުން އޭގެ އަސަރު ޓީމަށް ކުރާ ކަމަށާއި ރޮނާ ކަހަލަ ތަޖުރިބާހުރި ކުޅުންތެރިން އެފަދަ ކަންކަން ދަނޑު މަތީގައި ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އާތީ ބުންޏެވެ.
"ލީގުގެ ފުރތަމަ މެޗުގައި ވެސް ރޮނާ އަށް ރީނދޫ ކާޑެއް ދެއްކީ ރެފްރީއާ އާގިއުމަންޓެއް ގޮސްގެން. އެ ދުވަހު ވެސް ވަރަށް ނަސޭހަތްތެރިވިން." އާތީ ބުންޏެވެ.
އަތީ ބުނީ، ޓީމް ކުޅޭ ކޮންމެ މެޗެއް ފެށުމުގެ ކުރިން ރޮނާއަށް އަބަދުވެސް ނަސޭހަތް ދޭ ކަމަށެވެ. އަދި އިއްޔެގެ މެޗުގެ 69 ވަނަ މިނެޓުގައި ރޮނާއަށް ދެކި ކާޑުގެ ސަބަބުން، ކުރީ މެޗާއެކު ދެ ކާޑު ހަމަވެ، ސަސްޕެންޑް ވެފައި ވުމުން ކުރިއަށް އޮތް ވީބީ މެޗުގައި އޭނާއަށް ނުކުޅެވުމަކީ ޓީމަށް ލިބޭނެ ދެރައެއް ކަމަށް ވެސް އާތީ ބުންޏެވެ.
"ރޮނާ އަކީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ. އޭނާ އެބަޖެހޭ އެއަށް ވުރެ ޑިސިޕްލިން ރަނގަޅުކުރަން،" އާތީ ބުންޏެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން ރޮނާ ބުނީ، އިއްޔެގެ މެޗުގައި ރެފްރީ އަލީ ސަލީމް ދެއްކި ކާޑަކީ ރަނގަޅު ކާޑެއް ކަމަށާއި އެކާޑަށް މާފަށް އެދެން ބޭނުން ވާކަމަށެވެ. އެހެންނަމަވެސް ވަކި ކުޅުންތެރިއަކަށް ވަކި ގޮތެއް ހެދުމުގެ ބަދަލުގައި ހުރިހާ ކުޅުންތެރިންނަށް ވެސް ހަމަހަމަ އުސޫލެއް ރެފްރީންވެސް ދަނޑު މަތީގައި ގެންގުޅުމަކީ ރަނގަޅު ކަމެއް ކަމަށް ރޮނާ ބުންޏެވެ.
"ހަމަ ނިއުގެ ޓޮމް އެއްޗެކޭ ބުނާއިރަށް ރެފްރީއަކަށް ނުކެރޭނެ ކާޑެއް ދައްކާކަށް. އެއީ ނިއުގެ ކުޅުންތެރިއަކަށް ވީމަ. މިހިރީ ކަންތައްތައް ހުންނަ ގޮތް" ރޮނާ ބުންޏެވެ.