29 Apr 2012, 13:07
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، ޓީވީ މޯލްޑިވްސް އިން ބޭއްވި ލަވަ މުބާރާތުން އެއް ވަނަ އަށް ދިޔަ ސްކޫލަކީ އިމާދުއްދީން ސްކޫލު ކަމަށް ރޭ އިއިލާން ކުރުމަށް ފަހު، އެ ސްކޫލުގެ ނަން އިއުލާން ކުރެވުނީ އޮޅުމުން ކަމަށް ބުނެ އިނާމު އަތުލައިފި އެވެ.
މި މަހުގެ 19 އިން 25 އަށް ބޭއްވި ލަވަ ލަވަމުބާރާތުގެ ނަތީޖާ ރޭ އޮލިޕަސް ތިއޭޓަރުގައި އިއުލާން ކުރި އިރު، ޓީވީއެމްގެ މި އަހަރުގެ ލަވަ މުބާރާތުން އެއް ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. އެއް ވަނަ ދަރިވަރަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރު އައިމިނަތު ސައިނާ މުހައްމަދު އެވެ. ނަމަވެސް ޓީވީއެމްގެ ޕްރެޒެންޓަރު ފުރަތަމަ އިއުލާން ކުރީ އެއް ވަނަ ސްކޫލަކީ އިމާދުއްދީން ސްކޫލެވެ.
އިމާދުއްދީން ސްކޫލަކީ މި އަހަރުގެ ލަވަ މުބާރާތުން އެއް ވަނަ ސްކޫލު ކަމަށް، ޕަބްލިކް ޓީވީި އިން ލައިވް އިވެންޓެއްގައި، އިއުލާން ކުރުމުން އެ ސްކޫލުގެ ދަރިވަރުން އިނާމާ ހަވާލުވުމަށް ފަހު، ގޮނޑިތަކުގައި އިށީން ފަހުން، ޕްރެޒެންޓަރު އިއުލާން ކުރީ، މުބާރާތުން އެއް ވަނަ ސްކޫލަކީ އިމާދުއްދީން ކަމަށް އިއުލާން ކުރެވުނީ އޮޅުމަކުން ކަމަށާއި އެއް ވަނަ ސްކޫލަކީ އިސްކަންދަރު ސްކޫލް ކަމަށެވެ.
ރޭގެ އިނާމު ދިނުމުގެ ޖަލްސާގައި ދެ ވަނަ ސްކޫލަކަށް ހޮވިފައި ވަނީ ޖަމާލުއްދީން ސްކޫލެވެ.
ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ އެގޮތަށް ރޭ ދިމާވީ ކާޑުތައް ހެދިއިރު ނަން ޖެހުމުގައި އެރި އޮޅުމަކުން ކަމަށެވެ. އަދި ވަނަތައް ހާމަކޮށް ސްކޫލްތަކަށް ދިނުމަށް ކުރިން ތައްޔާރުކޮށްފައިވާ ފޮތުގައި ވެސް އޮންނާނީ ރަނގަޅަށް ކަމަށް މޮންދު ވިދާޅުވި އެވެ.
"އެއީ ހަމަ ކާޑުތައް ހެދި އިރު ލިއުމުގެ ކުށެއް. އަޅުގަނޑުމެން ނަތީޖާ ހާމަކޮށް ސްކޫލްތަކަށް ބަހަން ތައްޔާރުކޮށްފައި ހުރި ފޮތްތަކުގައި ވެސް ހުންނާނީ ރަނގަޅަށް،" މޮންދު ވިދާޅުވި އެވެ.
މުބާރާތުގެ އެއް ވަނަ އަށް ދިޔަ ދަރިވަރަށް 10،000ރ. އަދި ދެ ވަނަ އަށް 5،000ރ.، ތިން ވަނަ އަށް 3،000ރ. ވަނީ ދީފަ އެވެ. މުބާރާތުގައި އުމުރު ފުރާތަކުން ވަނަތަކަށް އައި ކުދިންނަށް ދީފައި ވަނީ 3،000ރ.ގެ ފައިސާގެ އިނާމެކެވެ.
ޖުމްލަ 15 ސްކޫލަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މި އަހަރުގެ ސްކޫލް ކުދިންގެ ލަވަމުބަރާތުގައި އެހެން އަހަރުތަކާ ހިލާފަށް ވަނީ ގުރޫޕް ލަވަ ވެސް ހުށަހަޅައިފަ އެވެ. މިއަހަރު އަލަށް ތަޢާރަފް ކުރި އެ ބައިން އެއް ވަނަ އަށް ދިޔައީ އަމީރު އަހުމަދު ސްކޫލެވެ.
މި މުބާރާތުގެ ފަނޑިޔާރުންގެ ތެރޭ ހިމެނެނީ އާދަމް ނަސީރު އިބްރާހިމާއި މަރިޔަމް އުނޫޝާ އާއި ދާރީ އަލި މަނިކު އާއި ހުސެން އަލީގެ އިތުރުން އަބްދުލްބާސިތު (ބާޗި) އެވެ.