02 Jun 2023, 16:12
ރ. ދުވާފަރުން، ޢާލިމް އަބްދުއްލަތީފް
ރ. އަތޮޅު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މޫސާ ފައުޒާން އަލީ ހޮވިއްޖެއެވެ.
ރ. ދުވާފަރުގައި ހުންނަ އެ އަތޮޅު ސްކޫލްގެ 2021-2022ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ރޭ ވަނީ ބާއްވައިފައެވެ.
އެ ޖަލްސާގައި 17 ދަރިވަރަކަށް ވަނީ އިނާމު ދީފައެވެ.
އެ ރަށު ސްކޫލްގެ ފަސް ދަރިވަރަކު ވަނީ މިދިޔަ އަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެއީ މޫސާ ފައުޒާން އަލީ، އައިމިތަނު ފާތިނާ އަހްމަދު، ރަޔާން އަލީ، މަރްޔަމް ވިލްމާ މުހައްމަދު އަދި އައިމިނަތު މައީޝާއެވެ.
ރ. އަތޮޅު ސްކޫލުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ހުރިހާ ދަރިވަރުންނަށް، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވަނީ ފައިސާގެ އިނާމު ދެއްވައިފައެވެ. އަދި އެ ރަށު ކައުންސިލުން ވަނީ ކޮންމެ ކުއްޖަަކަށް ލެޕްޓޮޕެއް ދީފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަނީސް ރޭ "ސަން"އަށް ވިދާޅުވީ ނަތީޖާއާމެދު ވަރަށް އުފާވާ ކަމަށާއި އެއް އަހަރުން އަނެއް އަހަރަށް އެ ސްކޫލްގެ ނަތީޖާ އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި އެއީ ސްކޫލަށް ލިބޭ ހެޔޮފާލެއް ކަމަށް ވިދާޅުވިއެވެ.
"އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނެޝެނަލް ޓޮޕްޓެންގައި މި ރަށު ސްކޫލުން ޖުމުލަ ފަސް ކުދިން ހާސިލުކުރުން. މިއީ މި އަތޮޅުގައި އެންމެ ގިނަ ކުދިން ޓޮޕްޓެންއަށް ދިޔަ ސްކޫލްކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.
އަނީސް ވިދާޅުވީ ސްކޫލުން ގެންގުޅޭ ސްޓްރެޓަޖީއަކީ ކުދިން އަމިއްލައަށް ކިޔަވަން ފުރުސަތު ދިނުން ކަމަށެވެ.
"ހަމައެއާއެކީ ކަމާ ގުޅޭ ފަންނީ ބޭފުޅުން އެކި ރަށްރަށުން، އަތޮޅުތެރެއިން، މާލެއިން ގެނެސް ސްޓަޑީ ކޭމްޕުތައް ކުރިއަށް ގެންގޮސް ކުދިން އަމިއްލައަށް މުތާލިއާ ކުރަން ޖާގަދިނުން،" އަނީސް ވިދާޅުވިއެވެ.

އިތުރަށް އަނީސް ވިދާޅުވީ، އަތޮޅުތެރޭގެ ސްކޫލްތަކުން ވެސް ނަމޫނާ ދައްކަމުންދާ ކަމަަށާއި މާލެ ނުގޮސް ވެސް ރަނގަޅު ނަތީޖާ ހޯދޭނެކަން ސާބިތުކޮށްދެމުން ދާ ކަމަށެވެ.
"ހަގީގަތުގައި އަތޮޅުތެރޭގައި ތިބެގެން ވެސް އެ ކިޔަވާ ކުދިން ރަނގަޅު އަޒުމެއްގައި ރަނގަޅު ގޯލެއް ކަނޑައަޅައިފިއްޔާ އެ ޓާގެޓެއް ހާސިލުވާނެ،" އޭނާ ވިދާޅުވިއެވެ.
ރ. އަތޮޅު ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ފައުޒާން ވަނީ ފަސް އޭ ސްޓާ އާއި ތިން އޭ ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދައިފައެވެ.
"ސަން"އާ ވާހަކަ ދައްކަމުން ފައުޒާން ބުނީ މިއީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިފަދަ ކާމިޔާބެއް ހޯދަން ބޭނުންނަމަ މުޅި އުމުރު ދުވަހު އެއް ޑިސިޕްލިންއެއްގެ ލައިފް ސްޓައިލެއް ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
"އަބަދުވެސް ސްކޫލްތެރޭގައި ޓީޗަރުން ކިޔަވައިދޭއިރު އަޑުއަހާ. އަސްލު އެއީ އަޅުގަނޑުގެ އެންމެ ބޮޑަށް ފާހަގަކޮށްލެވޭނެ އެއްކަމަކީ،" ފައުޒާން ބުންޏެވެ.
"އަޅުގަނޑަކީ ސްކޫލް ތެރޭގައި ކުދިން ކިޔަވައިދޭއިރު އަބަދުވެސް އަޑުއަހައިގެން ދަސްކުރާ ކުއްޖެއް،" އޭނާ ބުންޏެވެ.
ފައުޒާން ބުނީ ގުރޭޑް 10 ގައި ކިޔެވި ދުވަސްވަރަކީ ވަރަށް ސްޓްރެސްފުލް ދުވަސްތަކެއް ކަމަށެވެ. ނަަމަވެސް، ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބޭނެކަމަށް އޭނާ ބުންޏެވެ.
މިފަދަ ފޮނި ކާމިޔާބީއެއް ލިބުމަކީ ވަރަށް އުފާވާކަމެއްގެ ގޮތުގައި ފައުޒާން ފާހަގަކުރިއެވެ. އަދި އޭނާގެ ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑު ބުނެލާނީ ކާމިޔާބީއަކީ ވަރަށް ގިނަ ބޭފުޅުން ބުނާ ފަދައިން ކާމިޔާބަކީ ވަކި ހާއްސަ ސްކޫލެއްގައި ކިޔެވީމަ ލިބޭނެ އެއްޗެއް ނޫނޭ. ރަށްފުށު ސްކޫލެއްގައި ކިޔެވީމަ ވެސް ކާމިޔާބީ ލިބޭނޭ. ބޭނުންވަނީ ކުދިންގެ ހިތްވަރު،" ފައުޒާން ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި އެ ސްކޫލުން އޯލެވެލް ހަދާ ކުދިންނަކީ ވެސް އޭނާ ވަރަށް ބޮޑެތި އުންމީދުތަކެއް ކުރާ ކުދިންތަކެއް ކަމަށެވެ.
ފައުޒާން ބުނީ ކުރިއަށް އޮތްތަނުގައި އޭނާ ވާން ބޭނުންވަނީ ޓީޗަރަކަށް ވާން ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް ލިބިފައިވާ ދަސްކުރުމުގެ ގާބިލިއްޔަތުކަން އެހެން ކުދިންނަށް ވެސް ފަތުރަން،" ފައުޒާން ބުންޏެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ޝަރަފްވެރިކޮށްދެއްވި މި ޖަލްސާ ދިވެހިބަހުންނާއި އަރަބިބަހުން ވަނީ ހުށަހަޅައިދީފައެވެ. އަދި ތަފާތު ގިނަ އައިޓަމްތަކެއް ވެސް ވަނީ މި ޖަލްސާގައި ވަނީ ހުށަހަޅައިދީފައެވެ.