އައްޑޫ ސިޓީ މަރަދޫފޭދޫގައި ބުދަ ދުވަހުގެ ރޭ ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ ކޮން ކޯޓަކުން ކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒެވެ.

އޭނާ ހައްޔަރުކުރުމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ މަރަދޫފޭދޫގައި 27 އަހަރުގެ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އައްޑޫގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން "ސަން"އަށް އެނގިފައިވާ ގޮތުގައި ބޭބެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

އެ ހާދިސާގައި އަނިޔާވި 27 އަހަރުގެ އަޙްމަދު ޝުއައިބަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ، ހަމަލާދިނީ ގޭ ތެރޭގައި ނަމަވެސް ބޭބެ މަރުވެގެން ވެއްޓުނީ ދިރިއުޅޭ ގޭގެ ކުރިމަތީގައި އޮންނަ ދުވާރު މައްޗަށް ކަމަށެވެ.