އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 3-0 ލަނޑުން މޮޅުވެ، ދިރާގް ދިވެހި ލީގުގެ އެއްވަނަ މާގާމް ނިއުއިން ދިފާއު ކޮށްފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ނިއު ކުޅުނު ދެމެޗް ވެސް ކާމިޔާބުކޮށް، އެއް ވަނައިގައި އެޓީމް އޮތީ ހަ ޕޮއިންޓާއެކު އެވެ. އަދި ދެ ވަނައިގައި އޮތީ މިދިޔަ ހުކުރު ދުވަހު 3-0އިން ވެލެންސިޔާ ބަލިކޮށް ތިން ޕޮއިންޓް ހޯދި މާޒިޔާއެވެ. އެހެންނަމަވެސް އިއްޔެ ނިއު އަތުން ބަލިވި އޭވައެލް އަށް އަދި ޕޮއިންޓެއް ލިބިފައި ނުވާއިރު، އެޓީމް އޮތީ ފަހަތުން ދެ ވަނައިގައެވެ. މިމުބާރާތުގައި އޭވައިއެލް ކުޅުނު ފުރަތަމަ މެޗުން އޭޓީމް ބަލިވީ ވެލެންސިޔާ އަތުން 1-0 ލަނޑުން ނެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގައި އޭވައިއެލްގެ ގޯލް ނިއުއަށް ހުޅުވައި ދިނީ މެޗުގެ 33 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ނިއުގެ ޑިފެންޑަރު އަހުމަދު އަބްދުއްﷲ (ލިލީ) ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނިއުގެ ދެ ވަނަ ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި ޖަހާ، މެޗުގެ ލީޑް އެޓީމަށް ފުޅާ ކޮށްދިނީ، މިދިޔަ ސީޒަންގައި ވިކްޓަރީއަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) ދިން ބޯޅައަކުން ރާއްޖޭގެ އެއް ނަންބަރު ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ. އަދި އޭވައެލް ކޮޅަށް ނިއުން ޖެހިއެޓީމްގެ ތިން ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކަމިޔާބު ކޮށްދިނީ އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮއްޕޮ އެވެ.

ދެ ޓީމްގެ ފަރާތުން ވެސް ވަނދު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަ ހާފުގައި އޭވައެލްއަށް ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބިފައި ވާއިރު، މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. އެހެން ނަމަވެސް އޭވައިއެލްގެ ކެޕްޓަން އާދަމް ލަރީފް (ރޮނާ) ޖެހި ޕެނަލްޓީ ނިއުގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފައެވެ.

އަދި އިއްޔެގެ މެޗުގެ 69 ވަނަ މިނެޓުގައި އަލީ ސަލީމް އެވައިއެލްގެ ކެޕްޓަން ރޮނާއަށް ދެއްކި ރީދޫ ކާޑާއެކު، ލީގުގެ ފުރަތަމަ މެޗުގައި ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީދޫ ކާޑުގެ ސަބަބުން ދެ ކާޑު ހަމަވެފައި ވުމުން އަންނަ މަހުގެ ތިން ވަނަ ދުވަހު ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާ ވަނީ ސަސްޕެންޑް ވެފައެވެ.

އިއްޔެގެ މެޗުގައި އޭވައިއެލްއަށް ތިން ރީދޫ ކާޑު ދެއްކި އިރު، ނިއުއަށް ދެއްކީ ދެ ރީދޫ ކާޑެވެ. އަދި މެޗުގައި ތިން ކުޅުންތެރިންގެ ބަދަލެއް ނިއުއިން ގެނައި އިރު، އޭވައިއެލްއިން ވެސް ވަނީ ތިން ކުޅުންތެރިންގެ ބަދަލެއް ގެނެސްފައެވެ.

ލީގުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ އާއި ވިޔަންސާ އެވެ.