02 Jun 2023, 13:14
އިސްލާމީ މުޖުތަމައު ބިނާ ކުރަން ޖެހޭނީ ތެދުގެ މަތީގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ކޮންމެ ނިއުމަތެއް ވެސް ބޭނުންކުރަން ވާނީ ތިމާއަށާއި މުޖުތަމައަށް ފައިދާކުރާ ގޮތަށް ކަމަށެވެ. އިންސާނުން އެ މީހުންގެ ހަޔާތް ބިނާ ކުރަން ޖެހޭނީ ހައްގުގެ މަތީގައި ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، ހައްގު ނޫން ބަހެއް ނުބުނުމަށާއި ހައްގު ނޫން ކަމެއް ނުކުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.
މުސްލިމުންގެ ހަޔާތުގައި ތެދުވެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި އިސްލާމީ މުޖުތަމައު ބިނާކުރަން ޖެހޭނީ ތެދުގެ މަތީގައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ދޮގު ވާހަކަތައް ހެދުމާއި އެފަދަ ވާހަކަ ފެތުރުމުން އެއްކިބާވާން ޖެހޭ ކަމަށާއި ތަފާތު ގުޅުންތައް ގާއިމުކުރަން ޖެހޭނީ ތެދުގެ މަތީގައި ކަމަށް ޚުތުބާގައި ބުންޏެވެ.
"ދޮގުވެރިކަމަކީ ދޮގު ހަދާ މީހާގެ އަޑިނުބައި ކަން ހާމަކޮށްދޭ ސިފައެއް. އެއީ ނުބައި ކަންތައްތަކަށް މިހާ ހުށަހެޅޭ ކަމެއް. ނުބައި ބައެއް ސިފަތަކަކީ ފަރުވާ ދެވިދާނެ ސިފަތަކެއް. ނަމަވެސް ދޮގު ހެދުމާއި އޮޅުވައިލުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގައި ފަރުވާއެއް ނެތް،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނި ގޮތުގައި، ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެއެވެ. އޭގެ މިސާލެއްގެ ގޮތުން ޚުތުބާގައި ފާހަގަކުރީ، ހަދައިގެން ދޮގު ޚަބަރު ފަތުރާ ނޫސްވެރިންނާއި ދޮގު ވާހަކަ ޓުވީޓު ކުރާ މީހުންނާއި އަމިއްލަ އެދުމެއް ހާސިލުކުރަން ވާހަކަ ހަދަހަދައިގެން ފަތުރާ މީހުންނާއި ދޭތެރެ ޖައްސާ މީހުންނެވެ. ޚުތުބާގައި ބުނީ އެ މީހުން އެ އަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް ކަމަށެވެ.
އިސްލާމްދީނާ ބެހޭ ގޮތުން ދޮގުހެދުމަކީ އެންމެ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކޮށް، ޚުތުބާގައި ބުނީ، މާތްﷲ އާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް، ހަގީގަތާ ޚިލާފު ވާހަކަ ދެއްކުމަކީ ބިރުވެރިކަމެއް ކަމަށެވެ. އަދި އިސްލާމްދީނުގައި މައިންބަފައިންނަށާއި މުދައްރިސުންނަށް ތެދުބުނުމުގެ މަތިވެރި އާދަ ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށް ގޮވާލާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އިސްލާމްދީނުގައި ދޮގުހެދުމަކީ ހަރާމް ކަމެއް ކަމަށެވެ. އެގޮތުން ސަމާސާ ކުރުމުގައި ވެސް އޮތީ ތެދު ބުނުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އިސްލާމްދީނުގައި ސަމާސާކުރުމާއި އުފާކުރުން ނެތީ ނޫން ކަމަށާއި ނަމަވެސް އެފަދަ ކަންކަން ކުރަން އޮތީ ދޮގު ހެދުމާ ނުލައި ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
ތެދުވެރިކަމުގެ ދާއިރާއަކީ މުޅި ހަޔާތް އެކަމުގައި ޝާމިލުވާ ދާއިރާއެއް ކަމަށާއި ތެދުބަސް ބުނުމަކީ ކުރާ ކަންތަކުގައި ވެސް ތެދުވެރިވުން ހޯދައިދޭނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެކަމުގައި ކެތްތެރިވެ ހުރެއްޖެ ނަމަ، އޭނާގެ ނަފްސު ހައްގުގެ އަލިމަގަށް މިސްރާބުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.