ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލްކުރާ ހުރިހާ ޕާޓީތައް އެއްބަސްވެގެން ނޫން ގޮތަކަށް ފަސް އަހަރު ދުވަހުގެ ޓާމެއް ހިމެނޭ އަވަސް އިންތިހާބެއް ނުބޭއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ދިއެފްއެމްގެ ވަންޓް ވަންގައި ވާހަކަފުޅު ދައްކަވަމުން ޑީޑީ އިއްޔެ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް އެއްބަސް ނުނެވި އަވަސް އިންތިހާބެއް ވަކިފަރާތަކުން ބޭނުންވެގެން ބޭއްވޭނެ ކަމުގެ ޖާގަ އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަވަސް އިންތިހާބެއް ބާއްވާ ނަމަ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން އެކަމަށް އެއްބަސްވާން ޖެހޭ ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްބަސްވާ ގޮތުގެ މަތިން އަވަސް އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޮވެދާނެ. އެހެންނަމަވެސް ސިޔާސީ ޕާޓީތަކަށް އެއްބަސް ނުވެވި ވަކިފަރާތަކަށް [އިންތިހާބެއް ބާއްވަން ފެންނަ ކަމަށް] ކަނޑައެޅޭނެ ޖާގަ އޮތްކަމަށް ފެންނަކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޑީޑީ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ވިދާޅުވީ ފަސް އަހަރުގެ ދުވަހުގެ ދައުރެއް ލިބޭ ގޮތަށް އިންތިހާބެއް ބާއްވާ ކަމުގައިވާ ނަމަ ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ ބަދަލު ގެނެވޭނީ މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތައް އެކަމަށް އެއްބަސްވެގެން ކަމަށެވެ.

"ފަސް އަހަރު ދުވަހުގެ ދައުރެއްގެ އިންތިހާބެއް ބާއްވައްޏާ ގާނޫނު އަސާސީ އަށް ބަދަލުގެންނަން ޖެހޭ އެހެންވީމަ ގާނޫނު އަސާސީގެ އަކުރަކަށް ފިއްޔަށް ބަދަލު ގެންނަންޏާ މިގެނެވޭނީ މަޖިލީހުގެ ތިންބައިކޮށްފަ ދެބައި އަގުލަބިއްޔަތު ލިބިގެން އެހެންކަމަށްވާ ނަމަ އެ މެޖޯރިޓީއެއް ހަމައެއް ނުވާނެ މަޖިލިސް ނިސްބަތްވާ ބޮޑެތި އެއްވެސް ޕާޓީއެއް އެއްބަސްނުވާކަމަށްވާ ނަމަ،" ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް އެއްބަސްވާ ގޮތުގެ މަތިން އަވަސް އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޮވެދާނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

ޑީޑީ މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކަން ކަމަށާއި ރާއްޖެ ހަމައަކަށް އެޅޭނީ ވީހާ ވެސް އަވަހަކަށް އިންތިހާބެއް ބާއްވައިގެން ކަމަށާއި އަދި އިންތިހާބެއް ބޭއްވުމަށް މަގުފަހި ކުރަން ޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރަން ފަސްނުޖެހޭނެ ކަމަށެވެ.