ބިދޭސީން އެތެރެކުރާ ފަރާތްތަށް މިހާރަށް ވުރެ ޒިންމާދާރު ކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް އިމިގުރާޝަން ޑިޕާޓްމަންޓުގެ ކިބައިން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެދިވަޑައިގެންފި އެވެ.

އިމިގްރޭޝަން ޑިޕާޓްމެންޓާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އާ ގުޅިގެން ހިއުމަން ޓުރެފިކިން އާ ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ހިންގާ ދެ ދުވަހުގެ ވޯކްސޮޕް މިއަދު ހުޅުއްވައިދެއްވަމުން ހޯމް މިނިސްޓަރު ޑރ. ޖަމީލު ވިދާޅުވީ ރާއްޖެ އަށް ބިދޭސީން އެތެރެވާ މިންވަރު ކޮންޓްރޯލް ކުރުމަށް މަޝްވަރާކޮށްގެން ހައްލެއް ނުހޯދައިފި ނަމަ ކުރިމަގުގައި ރާއްޖެ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ބޭރު މީހުން ތަފާތު ކުއްތަކުގަޔާ ތަފާތު މައްސަލަތަކުގައި ބައިވެރިވާ ވާހަކަ ދައްކާއިރު ބޭރު މީހުން ރާއްޖެ އެތެރެކުރާ ފަރާތްތަށް މިހާރަށް ވުރެ ޒިންމާދާރު ކުރުމަށް އަޅުގަނޑު އިމިގުރޭޝަންގެ ފަރާތުން އެދެން" ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ބޭރުމީހުން ރާއްޖެ އެތެރެކޮށް އެމީހުން ދަތުރު ފަތުރު ކުރަން ބޭނުންކުރާ ޑޮކިއުމެންޓްތައް ހަލާކު ކުރާ ކަމަށާއި އަދި އެމީހުން ލައްވާ މަޖުބޫރު ކުރުވައިގެން ތަފާތު މަސައްކަތްތައް ކުރުވާ ކަމަށެވެ.

"އަޅުގަނޑުމެން މީ މުސްލިމުން ކަމުގައި ވެފައި އަދި އިންސާނީ ހައްގުތައް ރައްކާތެރި ކުރާ އެތައް ޖަމިއްޔާއެއްގައި ބައިވެރިވެފައިވާ ބަޔަކަށްވާތީ އެ ކޮންމެ ޖަމިއްޔާއެއްގައި ވެސް ކޮންމެ އިންސާނަކަށް ވެސް ވަރަށް މުހިންމު ދަރަޖަތަކެއް ލިބިފައިވޭ، އަޅުގަނޑު އުންމީދު ކުރަން މިބައްދަލުވުމުގެ ސަބަބުން އެކަންކަން އެނގިގެން ދާނެ ކަމަށް" ޑރ.ޖަމީލު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ޑެލިގޭޓުސް މރ. ރިޗަޑް ވިދާޅުވީ ހިއުމަން ޓުރެފިކިންގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ދިމާވެފައިވާ މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފެންވަރުގަޔާއި އަމިއްލަ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"މިބައްދަލުވުމުގެ އެހީގައި ހިއުމަންޓުރެފިކިން ގެ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެ،" މރ. ރިޗަޑް ވިދާޅޫވި އެވެ.

ޑިޕާޓްމަންޓްއޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނާއި އިންޓަނޭޝަނަލް ފޯ މައިގްރޭޝަން އާއި ގުޅިގެން ހިއުމަން ޓުރެފިކިން އާ ބެހޭ ގޮތުން ހިންގާ ދެ ދުވަހުގެ ވޯކްސޮޕްގައި ސަރުކާރުގެ މުއައްސަސާ ތަކުންނާއި އަމިއްލަ ފަރާތް ތަކާއި މީޑިއާތަކުން ވެސް ބައިވެރިވެ އެވެ.