20:30


ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ހުންނަވާ މެމްބަރު އައިޝަތު ވެލެޒިނީ ހިންގަވަމުން ގެންދަވާ އަމަލުތަކަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް ޝައްކެތް ނެތި ތާއީދުކުރައްވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުއްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.


ޝަރުތު ހަމަވާ ކަމަށް ޖޭއެސްސީން ފާސްކޮށްފައިވާ 59 ފަނޑިޔާރަކު ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވެލެޒިނީ ވަނީ އެ ރަސްމިއްޔާތު ކުރިއަށްގެންދިއުމަށް ހުރަސް އަޅައި، ގިނަ އިރުތަކެއް ވަންދެން އަޑުގަދަކޮށްފަ އެވެ.


މިކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ދެންނެވުމުން ޒުހެއިރު ވިދާޅުވީ، ވެލެޒިނީގެ އަމަލުތަކަށް އެއްވެސް ޝައްކެތް ނެތި ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ކަމަށެވެ. ޒުހެއިރު ވިދާޅުވި ގޮތުގައި، ވެލެޒިނީގެ އަމަލުތައް ކުށްވެރި ކުރަމުންދާ ފަރާތްތަކަކީ، ހާމަކަން ބޮޑު ގޮތެއްގައި ހިޔާލުފާޅުކުރުމަކީ ގަބޫލުކުރެވޭ ކަމެއްގެ ގޮތުގައި އޮންނަ ކުރީގެ ސިޔާސީ ސަގާފަތަށް ނިސްބަތްވާ ބަޔެކެވެ. އެހެން ނަމަވެސް، މިހާރުގެ ޒަމާނީ ސިޔާސީ ސަގާފަތުގައި ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ މިންވަރަކުން ބޭނުންކުރެވޭނެ ކަމަށާއި އެކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.


ޒުހެއިރު އިތުރަށް ވިދާޅުވީ، ވެލެޒިނީ އަކީ ކޮމިޝަނުގެ މެމްބަރެއް ކަމަށާއި ކޮމިޝަނުގެ މަސައްކަތްތަކުގައި އޭނާ އަށް ބައިވެރިވެވަޑައިގަތުމުގެ ފުރިހަމަ ހައްގު އޮންނާނެ ކަމަށެވެ. އެހެންކަމުން އޭނާ މަސައްކަތްކުރައްވާ އޮފީސް ތެރެއިން ނިކުމެވަޑައިގަތުމަށް ނުވަތަ ކޮމިޝަނުގެ މަސައްކަތެއްގައި ބައިވެރިވެވަޑައިނުގަނެވޭނެ ގޮތަށް ކަންތައް ހިނގައިގެންވާނެ ކަމަށް ސަރުކާރުން ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ފަނޑިޔާރުން ހުވާކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ހިނގާފައިވާ ކަމެއް ކަމަށް ސަރުކާރުން ދެކޭނަމަ އެކަންތައް ނުހުއްޓުވީ ކީއްވެގެންތޯ ދެންނެވުމުން ޒުހެއިރު ވިދާޅުވީ، އެކަމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ސަރުކާރުން ބުނެފައި ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް، އެ މަސައްކަތްކޮށްފައި ވަނީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ ގޮތަކަށް ކަމަށް ޒުހެއިރު ވިދާޅުވި އެވެ. އަދި ކޮމިޝަނުގެ މަސައްކަތްތަކުގައި ހުރިހާ މެމްބަރުންނަށް އެއް ހަމައެއްގައި ބައިވެރިވެވަޑައިގެންނެވެން ޖެހޭނެ ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.


ވެލެޒިނީގެ އަމަލުތަކަށް ސަރުކާރުން ތާއީދުކުރާ ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެގޮތުން ދިވެހި އަންހެނުންނަށް ހުތުރުވާ ގޮތަށް ވެލެޒިނީ އަމަލުކުރައްވަމުން ދާ ކަމަށާއި އަދި ކޮމިޝަނުގެ މެމްބަރުންނަށް ދުއްތުރާ ޖެއްސުމަށް އޭނާ ކުރައްވަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ޑީއާރްޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވި އެވެ.