29 Apr 2012, 10:34
ގައުމީ އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުން ގެ ދާއިމީ ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ސިވިލް ސާރވިސް އާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށް ހޯމްމިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ގައުމީ އިދާރާތަކުގައި މަސައްކަތް ކުރެއްވި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށާއި އިދާރާތައް އުވާލުމާއި ގުޅިގެން ރަށު ކައުންސިލް ތަކުގެ އިދާރާތަކުގައި އެ މުވައްޒަފުން ސޮއިކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"މުވައްޒަފުން ދާއިމީކޮށް އެކި ވުޒާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އެމީހުން ދާއިމީ ކުރަން ހޯމް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއްކޮށް އެކަމާ ގުޅޭ ދާއިރާތަކާއި ސިވިލް ސާވިސް ކޮމިޝަނުންކުން ޖެހޭ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ އިދާރާތަކުގައި މަސައްކަތްކުރެއްވި ބައެއް މުވައްޒަފުންނަކީ އެ މުވައްޒަފެއްގެ ރަށުގައި ތިބެގެން މަސައްކަތްކުރި ފަރާތްތައް ކަމަށް ވުމާއިއެކު ފުރަތަމަ އެރަށަކުން އެ މުވައްޒަފަކަށް ވަޒީފާ ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށާއި އެފަދަ މަގާމެއް ނެތް ރަށެއްގައި މަސައްކަތްކުރި މުވައްޒަފަކު ވަޒީފާގައި ހުންނަން ބޭނުންވާނަމަ ކޮންމެވެސް އެހެން ތަނަކަށް ބަދަލުވާން ޖެހިދާނެ ކަމަށެވެ.
"ކޮންމެ މުވައްޒަފަކު ވެސް ބޭނުންފުޅުވާނެ އެބޭފުޅެއްގެ ރަށެއްގައި ހުރެގެން ވަޒީފާއާދާކުރުމަށް. އެންމެ ފުރަތަމަ މިދެނީ އެފުރުސަތު އެފުރުސަތު އަޅުގަނޑުމެންނަށް ދެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ދޭނަން. އެރަށެއްގައި ފުރުސަތު ނެތްކަމަށްވަންޏާ އެމުވައްޒަފަކު ވަޒީފާ ހިމާޔަތްކުރުމަށް ޓަކައި ކޮންމެވެސް ކަހަލަ ގުރުބާނީއެއް މިވަގުތު ވާނެ ޖެހިދާނެ. އިސްކަން މިދެނީ އެބޭފުޅުންގެ ހައްގުތައް ނުގެއްލޭ ގޮތަށް އެކަންކަން ހަމަޖެއްސޭތޯ،" އަބުދުﷲ ވިދާޅުވި އެވެ.
އަބުދުﷲ ވިދާޅުވީ ކުރީގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދުގައި އުފެއްދި ގައުމީ އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުން 150 އާއި ގާތްކުރާ ކަމަށެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދު އުފެއްދެވި ޕްރޮވިންސް އޮފީސް ތައް އުވާލައްވައި ގައުމީ އިދާރާތަކުގެ ނަމުގައި ހަތް އިދާރައެއް އޭރުގެ ސަރުކާރުން އުފައްދީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހުގަ އެވެ. ގައުމީ އިދާރާތައް ރައީސް މުހައްމަދު ވަހީދު ރަސްމީކޮށް އުވާލެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.