ޤާހިރާ (އެޕްރީލް 29): މިސްރުގައި ހުންނަ ސަޢޫދީ އެންބަސީ އާއި ސަޢޫދީ ކޮންސިއުލޭޓްތައް ކުއްލި ގޮތަކަށް ބަންދުކުރިކަން ސައޫދީ ސަރުކާރުން އިޢްލާންކޮށްފި އެވެ.

ސަޢޫދީ ޚާރިޖިއްޔާ އިން ބުނީ މިސްރުގައި ހުންނަ އެންބަސީ އާއި ސަޢޫދީ ކޮންސިއުލޭޓްތަކަށް ބައެއް އާންމުންގެ ފަރާތުން ގޯނާކޮށް ބިރުދައްކައި އެތަންތާނގައި މަސައްކަތްކުރާ ޑިޕްލޮމޭޓުންނަށާއި މުވައްޒަފުންނަށް މަސައްކަތްނުކުރެވޭ ޙާލަތަށް ދިޔުމުން އެހުރިހާ ތަނެއް ވަގުތީ ގޮތުން ބަންދުކުރީ ކަމުގަ އެވެ. މިސްރުގައި ހުންނަ ސަޢޫދީ އެމްބަސީއާއި ސަޢޫދީ ކޮންސިއުލޭޓްތަކަށް އިންޒާރުދީ ގޯނާކޮށް ބިރުދައްކައި އެތަންތަނަށް ޙަމަލާދޭނެ ކަމުގެ އިންޒާރުދެމުން ގެންދިޔައީ މިސްރުގެ ޢާންމުންގެ ބައެއްމީހުން ފަރުދީގޮތެއްގަ އެވެ.

މީގެތެރޭގައި ހިމެނެނީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ޤާނޫނީ ވަކީލުންނާއި ޢާންމުން ރައްޔިތުންގެ ބައެއް ޖަމާއަތްތަކެވެ. ސަޢޫދީ ޑިޕްލޮމެޓިކް މިޝަންތަކާ މެދު މިގޮތަށް ކަންތައްކުރީ ސައޫދީ ރަސްގެފާނު ޢަބްދުﷲ އަށް ބަދުބަސް ބުނި ކަމުގެ ތުހުމަތުގައި މިސްރުގެ ރައްޔިތެއް ކަމަށްވާ އަޙްމަދުލްޖީޒާވީ ޖަލަށްލައި ހަށިގަނޑުގައި ތަޅައިގެން އޭނާ ތަޢްޒީރުކުރުމަށް ސަޢޫދީ ސަރުކާރުން ނިންމުމާގުޅިގެން ކަމަށް ޚަބަރުތައް ބުނެ އެވެ.

ސަޢޫދީ އަރަބިޔާގައި ވިރާސީ ގޮތުން ވެރިކަންކުރާ ރަސްގެފާނަށާއި ރަސްގެފާނު ނިސްބަތްވާ ޝާހީ ޢާއިލާއަށް ފާޑުކިޔުމާއި މަލާމާތް ރައްދުވާފަދަ ބަސްތައްބުނުމަކީ ހުއްދަކަމެއް ނޫނެވެ. ސައޫދީ ރަސްގެފާނު ޢަބްދުﷲ އަށް ބަދުބަސް ބުނިކަމުގެ ތުހުމަތު ކުރެވިފައިވާ މިސްރުގެ ރައްޔިތެއް ކަމަށްވާ އަޙްމަދުލްޖީޒާވީ ހައްޔަރުކުރިކަމަށް ވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ޓަކައި އޭނާ ސަޢޫދީ އަރަބިޔާ އަށް ދިޔަތަނުންނެވެ.

ސަޢޫދީ ސަރުކާރު ބުނާގޮތުގައި ޖީޒާވީ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލާގަ އެވެ. މީގެއިތުރުން ޖީޒާވީއަކީ އޭނާގެ ޣައިރު ޙާޒިރުގައި ސައޫދީ ކޯޓަކުން ޙުކުމެއްކޮށްފައިވާ މީހެއް ކަމަށް ޤާހިރާގައި ހުންނަވާ ސަޢޫދީ ސަފީރު ވިދާޅުވި އެވެ.
މިސްރުގެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ޤާނޫނީ ވަކީލުން ބުނަނީ މިއީ ޖީޒާވީ ޢަބްދުﷲ ރަސްގެފާނަށް ފާޑުކިޔައި މަލާމާތް ކުރުމުން އޭނާއަށް އަބަދުދިނުމަށް ސަޢޫދީ ސަރުކާރުން އޭނާގެ ބޮލުގައި އެޅުވި ދޮގުތުހުމަތުތަކެއް ކަމުގަ އެވެ. (އަލްޖަޒީރާ+އަލްއަހްރާމް)