29 Apr 2012, 10:02
ބަޖެޓަކީ ކުރަން ޖެހޭ ހަރަދާއި ލިބޭނެ އާމްދަނީ ލަފާކޮށް ޖަހާ ހިސާބު އަދަދުތަކެވެ. މުޅި އަހަރަށް ހަރަދުތައް ބަހައި ޕްލޭންތައް ކުރަނީ މިދެންނެވި ލަފާކުރުންތަކުގެ މައްޗަށް ބުރަވެ އެވެ. އެއީ ވަރަށް ސަމާލުވެގެން ހަދަން ޖެހޭ ހިސާބެކެވެ. ބަޖެޓަށް ފަހުން ބަދަލުތަކެއް ގެންނަންޖެހޭ ނަމަ އެއީ ކުޑަ ކަމެއް ނޫނެވެ. އަދި ސަޕްލިމަންޓްރީ ބަޖެޓަކީ ރާއްޖެ ފަދަ ނާޒުކު އިގްތިސޯދަކަށް ކުރުން ހެޔޮވާވަރު ކަމެއް ނޫނެވެ. އެ ލައިން ފަހަނާ އަޅާ ދިޔުމަށް ރާއްޖެއަށް ލައިސަންސެއް ލިބިފައި ނެތަސް އެކަން ވެސް ކުރަން ޖެހިއްޖެ އެވެ. އާ ސަރުކާރެއް އުފެދި ސިޔާސަތުތަކަށް އައި ބަދަލާ އެކު ލަފާކޮށްފައި އޮތް ގޮތައް ބަޖެޓްގެ އާމްދަނީ އާއި ހަރަދު ދެކޮޅެއް ނުޖެއްސުނެވެ.
"ތިން މަސްދުވަހު ޓެކްސް ވަރަށް ރަނގަޅަށް މި ދިޔައީ ފަސް މިލިއަނުން އެހެން އަރައިގެން ގޮސް އެއް ބިލިއަނުން މައްޗަށް އަރައިގެން ދިޔައީ، އެކަމަކު މި މަހާއި އަންނަ މަހާއި ދެން އަންނަ މަހާއި ދެން އަންނަ މަހުވެސް އެ ވަރަށް ބޮޑަށް ދަށަށް ދާނެ، ޓެކްސް އިންނާނީ އިންކަމްއަށް ބޭސްވެފައި، އިންކަމް ކުޑަވީމަ ޓެކްސް ވެސް ކުޑަކޮށް ލިބޭނީ، މިއީ އަނެއްކާ ލޯ ސީޒަން ޓޫރިޒަމް އެރައިވަލް ވެސް ވަރަށް ބޮޑަށް ދަށްވާނެ. ސިޔާސީ ކަންތައްތަކާ ހުރެ ޔޫއެންޑީޕީން އެންމެ ފަހުން ބެލިއިރު ވެސް ހައެއްކަ ޕަސެންޓް އެބަހުރި ދަށަށް ގޮސްފައި،" އިގްތިސޯދީ މާހިރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވި އެވެ.
ދައުލަތަށް އެންމެ، ގިނައިން އާމްދަނީ ވަންނަ ޓެކްސްގެ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. ނަސީމް ފާހަގަކުރައްވާ ގޮތަށް އެއީ ބަޖެޓަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މުޅި ބަޖެޓްގެ 58 ޕަސެންޓް އާމްދަނީއަކީ ޓެކްސްގެ އާމްދަނީ އެވެ. މީރާއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މީރާއަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ވަނީ 37.9 ޕަސެންޓަށް ވެއްޓިފަ އެވެ.
ބަޖެޓްގެ މައްސަލަ އާ ސަރުކާރާއެކު ބޮއްސުންލައިގެން ދާން ފެށުމުން އިދިކޮޅު އެމްޑީޕީން އެކަމަށް ފާޑުކިޔަ އެވެ. އެމްޑީޕީގެ ނަޒަރުގައި ބަޖެޓް ބޮޑުތަނުން ޝޯޓްވީ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ނަގާ ފައިސާ ވަކި ވަކިން އަހަރު އަހަރަށް ބަހާލައިގެން ނަގަން ޖެހޭ ގޮތަށް ހަމަޖެއްސުމެވެ. އެއީ އެކަން އޮތް ގޮތުގެ ހަގީގަތެވެ. މީރާއިން ވެސް ފާހަގަކުރާ ގޮތުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ބޮޑުބައެއް މަދުވީ އެ ފައިސާ ނުލިބިގެންނެވެ.
"އަޅުގަނޑުމެން ބަޖެޓުގައި ޖަހާފައި އޮންނާނީ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރާ ފައިސާ އެކީ އެކަށް ނަގަން. އެކަމަކު އެބޭފުޅުންގެ ބައިވެރިންނަށް ދޭންވެގެން އަހަރު އަހަރު އެތި ކޮޅު ކޮޅު ލިބޭގޮތަށް ބަދަލުކުރީ، އަދި ލިބިފައި ފައިސާ ވެސް ދޭކަހަލަ އުސޫލެއް ހަމަޖެއްސީ،" ކުރީގެ ޓޫރިޒަމް މިނިސްޓާ މަރިޔަމް ޒުލްފާ ވިދާޅުވި އެވެ.
ރިސޯޓްތަކުގެ މުއްދަތު އިތުރުކޮށްގެން މިދިޔަ މަހުވެސް މީރާއަށް 375 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތަސް ލިބުނީ 23 މިލިއަން ރުފިޔާ އެވެ.
އެކަން ސަރުކާރުން ވެސް ގަބޫލުކުރެ އެވެ. ބަޖެޓްގައި ޖަހާފައި އޮތް އަދަދުން ބޮޑުތަނެއް މަދުވެ އެވެ. އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވީ ގަދަކަމުން ފައިސާތަކެއް ނެގޭނެ ކަމަށް ލަފާކޮށްފައި އެގޮތަށް ބަޖެޓް ކޮށްފައި އޮވެގެން ނުވާނެ ކަމަށެވެ. ސިވިލް ކޯޓު އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގަނޑުކޮށް އެ ފައިސާ ނުނެގޭ ގޮތަށެވެ. ސަރުކާރުން އެގޮތަށް އަމަލުކުރީ ކޯޓުގެ ހުކުމަށް ތަބާވުމުގެ ގޮތުންނެވެ.
ދާދިފަހުން ރާއްޖެ ޒިޔާރަތްކުރި އައިއެމްއެފްގެ ވަފުދުން ބުނެފައިވަނީ ބަޖެޓްގައި ހާސިލް ނުކުރެވޭ ވަރުގެ ބޮޑެތި ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އެއީ އެ އަދަދުތަކަށް ރިއާޔަތް ކޮށެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ވެސް ހިސާބުކޮށްފައި ހުރީ އެންމެ ރަނގަޅަކަށް ނޫންކަމަށް އެބޭފުޅުން ފާހަގަކުރެއްވި އެވެ. އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދުވެސް ގަބޫލުކުރައްވާ ގޮތުން ބަޖެޓްގައި ހުރި ބައެއް އަދަދުތައް ޖަހާފައި ހުރީ އެންމެ ރަނގަޅަށް ބަލަންވާ ވަރަށް ނުބަލަ އެވެ. ބަޖެޓް އޮތީ އެންމެ ރަނގަޅަށް އެކުލަވާ ލެވިފައެއް ނޫނެވެ.
މި އަހަރުގެ ބަޖެޓްގެ ޖުމްލަ 17.1 ބިލިއަން ރުފިޔާ އަށް އަރާއިރު އަދި އާމްދަނީގެ ގޮތުގައި 11.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ ތިން ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. މިހާރު ލަފާކޮށްފައިވަނީ އިތުރު 2.4 ބިލިއަން ރުފިޔާ ބަޖެޓް ހިންގަން ބޭނުންވާނެ ކަމަށެވެ.
ކޮންމެ ގޮތެއް ވިޔަސް ސަރުކާރަށް މިހާރު ހުރި ފުރުސަތުތައް މަދެވެ. ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަޖެޓަށް ބަދަލުތަކެއް ނުގެންނަ ނަމަ ގައުމެއްގެ ނިސްބަތުން ކުރިމަތިލާން ޖެހޭ ކަންކަން ބޮޑުވެފައި ގިނަވެސް ވާނެ އެވެ. ސަޕްލިމަންޓްރީ ބަޖެޓަކީ މިވަގުތަށް ކުރެވޭ ވަރު ކަމެއް ނޫނެވެ. އެކަން ފިނޭންސް މިނިސްޓަރު ވެސް ފާހަގަކުރައްވަ އެވެ.
ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވީ "ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހެނީ އިތުރަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދާފައި، އެހެންނޫނީ ޑެފިސިޓް ބޮޑުވާނީ، ހަރަދު އިތުރުކުރުމަށް ވުރެ އެ އޮތްގޮތަށް ބާއްވައިގެން ގޮތްތަކެއް ހަމަޖައްސަން މި ވިސްނަނީ، އެގޮތަށް އަޅުގަނޑު މަސައްކަތް މި ކުރަނީ، އާމްދަނީއެއް ނުހޯދި ސަޕްލިމަންޓަރީ ބަޖެޓަކަށް ދިޔުމަކީ ރަނގަޅެއް ނޫން،" ކަމަށެވެ.
މި ވަގުތަށް ބަޖެޓަށް ގެނެވޭނެ ބަދަލުތައް މަދެވެ. އޮޕްޝަންތަކެއް އެއްގޮތަކަށް ވެސް ނެތެވެ. ކުރެވެން އޮތް ކަމަކީ ހަރަދު ކުޑަކުރުމެވެ. ބޭކާރު ހަރަދުތަކަށް ޖާގަ ނުދިނުމެވެ. އުނިކުރި ސިވިލް ސާވެންޓުންގެ މުސާރަ ފަދަ ބައެއް ކަހަލަ ހިފެހެއްޓުންތައް ގަނައުމެވެ. ބައެއް ކަންކަމުގައި މުގުރު ޖަހައިގެން ވެސް އެކަންކަން ކުރުމެވެ. އިގްތިސޯދަށް ވަފާތެރިވުމެވެ. ބަޖެޓް މައްސަލަ ހައްލުނުކުރެވިއްޖެ ދެން ނިކުންނާނޭ މައްސަލަތައް ގިނަކަން ހަދާންކުރުމެވެ.