29 Apr 2012, 09:24
އޭޝިޔާގެ ޤައުމުތަކަށް ބާރާއި ނުފޫޒު ހިންގުމުގައި ޗައިނާ އާއި އިންޑިޔާ ވާދަކުރަމުންގެންދާ ވާހަކަތަކަކީ ބައިނަލްއަޤްވާމީ މަސްރަޙުގެ ފަލަސުރުޚީގެ ވާހަކަ ތަކެކެވެ. ޗައިނާއަކީ އޭޝިޔާގެ އެންމެ ބޮޑު ޢަސްކަރީ އަދި އިޤްތިސާދީ ބާރުކަމަށްވާ އިރު އިންޑިޔާއަކީ އޭޝިޔާގެ އިޤްތިސާދީ ތިންވަނަ ބާރެވެ.
އޭޝިޔާގައި އެއް ވަނަ އަދި ދުނިޔޭގެ ދެވަނަ އިޤްތިސާދީ ބާރުކަމަށްވާ ޗައިނާއަކީ ދުނިޔޭގެ ބޮޑުބާރަށް (ސުޕަރޕަވާ ޕަވާއަށް) ވުމަށްޓަކައި އެމެރިކާއާ ވާދަކުރަމުގެ ޤާބިލްކަން އެންމެ ބޮޑު ޤައުމެވެ. ދެ ހާސް އަށާވަރަ ވަނަ އަހަރާ ހަމައަށްދާ އިރު ޗައިނާ އިޤްތިސާދީ ގޮތުން އެމެރިކާއާ ފައިހަމަކުރާނެ ކަމަށް ބެލެވިފައިވާ އިރު އިންޑިޔާ އަށް އެމެރިކާއާ ފައިހަމަކުރެވޭނެ ކަމަށް ލަފާކުރެވިފައި ވަނީ އޭގެ 15 ވަރަކަށް އަހަރު ފަހުންނެވެ.
ދެހާސް އަށާރަ ވަނަ އަހަރާ ހަމައަށްދާ އިރު އެމެރިކާ އާއި ޗައިނާ މިދެޤައުމުންކުރެ ކޮންމެ ޤައުމެއްގެ ޖީޑީޕީ ވެސް 23 ޓްރިލިޔަން ޑޮލަރަށް އަރާނެކަމަށް ވޯލްޑްބޭންކުގެ ޕްރޮޖެކްޝަންތަކުން ލަފާކޮށްފައިވާ އިރު އޭރު އިންޑިޔާގެ ޖީޑީޕީ އަރާނެކަމަށް ލަފާކޮށްފައި ވަނީ 6.4 ޓްރިލިޔަން ޑޮލަރަށެވެ.
ތޭވީސް ޓްރިލިޔަނުގެ އާމްދަނީގައި ޗައިނާ އޮންނާނީ ދުނިޔޭގެ އެއްވަނަ ބާރުގެ ގޮތުގައި އެމެރިކާއަށް ވުރެ އިޤްތިސާދީގޮތުން ތަންކޮޅެއް ކުރީގައި ކަމަށާއި ޗައިނާއާ ފައިހަމަކުރުމުގެ ފުރުސަތު މިޤަރުނުގެތެރޭގައި އިންޑިޔާ އަށް ނުލިބޭނެ ކަމަށް ސްޓްރެޓީޖިކް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވެ އެވެ.
ޗައިނާއެކޭ އެއްގޮތަށް އިންޑިޔާއަކީ ވެސް ސަރަޙައްދީ ބޮޑުބާރެކެވެ. އަދި އެއީ އޭޝިޔާގެ އިޤްތިސާދީ ތިން ވަނަ ބާރު ވެސް މެއެވެ. ދުނިޔެއަށް ބަލާއިރު އިންޑިޔާ އަކީ ދުނިޔޭގެ އެންމެބޮޑު އެންމެ ބޮޑު 10 އިޤްތިސާދުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް މި 10 ޤައުމުތަކުގެ ލިސްޓުގައި އިންޑިޔާ 9 ވަނަ އަށް އަންނައިރު ޗައިނާ އުޅެނީ ދެވަނައިގަ އެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު (ޖީޑީޕީ) އަކީ ގާތްގަނޑަކަށް ހަ ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. އިންޑިޔާގެ ޖީޑީޕީ އަކީ ގާތްގަނޑަކަށް 1.6 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ދުނިޔޭގެ އެއްވަނަ އިޤްތިސާދު ކަމަށްވާ އެމެރިކާގެ ޖީޑީޕީ އަކީ ގާތްގަނޑަކަށް 14 ޓްރިލިޔަން ޑޮލަރެވެ.
ސްޓްރެޓީޖިކް ދިރާސާތަކާއި އޭގެއަލިގައި ޝާއިޢުކުރެވޭ ރިޕޯޓްތައް ބުނާގޮތުން އިންޑިޔާ ވެސްދަނީ ސަރަހައްދީ ބާރަކުން ބައިނަލްއަޤްވާމީ ބާރަކަށް ބަދަލުވަމުންނެވެ. މިހާރުދާ ގޮތަށް ކުރިޔަށްދާ ނަމަ 2035 ވަނަ އަހަރާ ހަމައަށްދާ އިރު ދުނިޔޭގެ ބޮޑު ދެބާރުގެ ގޮތުގައި ބައިނަލްއަޤްވާމީ މަސްރަޙުގައި ޙަރަކާތްތެރިވާނެ ކަމަށް ބެލެވިފައި ވަނީ ޗައިނާ އާއި އެމެރިކާގެ ބަދަލުގައި ޗައިނާ އާއި އިންޑިޔާ އެވެ. ނަމަވެސް ފަގީރުންގެ ނިސްބަތާއި އިންސާނީ ތަރައްޤީއާއި ޢުމްރާނީ ތަރައްޤީއަށް ބަލާއިރު ޗައިނާއަށް ވުރެ އިންޑިޔާއުޅޭނީ މާފަހަތުގައި ކަމަށް ބެލެވިފައިވެ އެވެ. ފަގީރުކަމުގެ މައްސަލަ ޙައްލުކުރުމުގައާއި އިންސާނީ ތަރައްޤީގެ މަތީހަރުފަތްތައް ޙާސިލްކުރުމުގައި ޗައިނާ އަށް ވުރެ އިންޑިޔާއޮންނާނީ މާފަހަތުގައި ލަފާކުރެވިފައިވެ އެވެ.
ދެހާސް ތިރީސްފަސް ވަނަ އަހަރާ ހަމައަށްދާ އިރު އެމެރިކާ އޮންނާނީ ދުނިޔޭގެ އިޤްތިސާދީ ތިން ވަނަ ބާރުގެ ފެންވަރަށް ދަށަށްގޮސްފަ އެވެ. ނަމަވެސް އިންސާނީ ތަރައްޤީގައި އެމެރިކާގެ ފެންވަރު ދަށެއްނުވާނެ އެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑުބާރަށް ވުމުގެ ޢިލްމާއި ޓެކްނޮލޮޖީއާއި ބިމާއި އާބާދީއާއި އެހެނިހެން ވަސީލަތްތައް މިހާރު ލިބިފައިވާ މަދުޤައުމުތަކުގެ ތެރޭން އެންމެކުރީގައިވާ ޤައުމުކަމަށްވާ އިރު އިންޑިޔާއަށް ވެސް މިސިފަތައް ލިބިގެންވެ އެވެ. ނަމަވެސް އިންޑިޔާ ކުރިޔަށްދާ މިންވަރު އަދި ތަރައްޤީ ޙާސިލްކުރާ މިންވަރު ޗައިނާއަށް ވުރެ މާލަހެވެ.
ޓެކްނޮލޮޖީ އަށް ބަލާއިރު ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ފަޒާގެ ޓެކްނޮލޮޖީ ހާސިލްކުރުމުގެ އިތުރުން ދާދިފަހުން އިންޑިޔާ ތަޖްރިބާކުރި އިންޓަރކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްގެ ޓެކްނޮލޮޖީއަކީ ވެސް މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު ފަސްބާރު މޮނޮޕޮލީ ކޮށްފައިވާ އެއްޗެކެވެ. ނަމަވެސް މި މޮނޮޕޮލީ ރޫޅާލައި އިންޑިޔާ މިހާރު ވަނީ އިންޓަރކޮންޓިނެންޓަލް މިސައިލްގެ ޓެކްނޮލޮޖީ ޙާސިލްކުރި ހަވަނަ ޤައުމަށް ވެފަ އެވެ. އާބާދީއާއި ބިމާއި އެހެންވަސީލަތްތަކަށް ބަލާއިރު ވެސް އިންޑިޔާއަކީ މުސްތަޤްބަލްގައި ބޮޑުބާރަކަށް ވުމުގެ ޕޮޓެންޝިއަލް އޮތް ޤައުމެކެވެ. އެއީ އިޤްތިސާދީ ގޮތުންނާއި ޢަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުންނެވެ. ނަމަވެސް ބޮޑުބާރަކަށް އިންޑިޔާ ވާއިރު ވެސް އެ ޤައުމުގެ ފަގީރުކަމުގެ ޙާލަތާއި އިންސާނީ ތަރައްޤީގެ ކަންތައްތައް ތިންވަނަ ދުނިޔޭގެ ފެންވަރުގައި ހުރެދާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ.
މިހާރުގެ ޙާލަތަށްބަލާ އިރު އޭޝިޔާގައި އިންޑިޔާގެ ނުފޫޒަށް ވުރެ ބޮޑީ ޗައިނާގެ ނުފޫޒެވެ. ދެކުނު އިރުމަތީއޭޝިޔާ އާއި ދެކުނު ޗައިނާ ކަނޑުގެ ޤައުމުތަކުގައި ޗައިނާގެ އިޤްތިސާދީ ނުފޫޒު ގަދަވެފައިވާ އިރު މިސަރަޙައްދުތަކަށް އިންޑިޔާގެ ނުފޫޒު ކުޑައެވެ. އޭޝިޔާގައި ބާރުގަދަވަމުންދާ ޗައިނާގެ ނުފޫޒާ ކުރިމަތިލުމުގައި އެމެރިކާ އާއި އިންޑިޔާ އެއްގަލަކަށް އަރަ އެވެ.
ދެކުނު ޗައިނާ ކަނޑުގައި ތެޔޮހުރިތޯ ބެލުމަށް ވިއެޓްނާމް ކުރަމުންގެންދާ މަސައްކަތުގައި އިންޑިޔާ އާއި އެމެރިކާ ބައިވެރިވާ އިރު ޗައިނާއާ ކުރިމަތިލުމުގައި މިދެޤައުމަކީ ސްޓްރެޓީޖިކް ދެ ބައިވެރިންނެވެ. ދެކުނު ޗައިނާ ކަނޑުގައި ތެޔޮހުރިތޯ ބެލުމަށް އިންޑިޔާގެ ކުންފުނިތައް ބައިވެރިކުރުމަށް ވިއެޓްނާމް ނިންމުމާގުޅިގެން ޗައިނާ ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑަށް ބޭރުގެ ކުންފުނިތައް ވަންނަތަންދެކެން ޗައިނާ ބޭނުންނުވާކަމުގަ އެވެ. އަދި ޗައިނާގެ ޖިއޮސްޓްރެޓީޖިކް ސަރަޙައްދުތަކާ ބޭރުގެ ކުންފުނިތައް ގާތްވުމަކީ ޗައިނާގެ ސިޔާދަތާއި ޤައުމީ މަސްލަޙަތަށް ނުރައްކާވާނެ ކަމަށް ވެސް ޗައިނާ ބުނެ އެވެ.
ދިއްލީގައި ހުންނަ ސްޓްރެޓީޖިކް ރީސާޗް ތަކާ ބެހޭ އިންޑިޔާގެ މަރުކަޒުގެ ތަޖްރިބާކާރެއް ކަމަށްވާ ރާޖާ މޯހަން ދެކެވަޑައިގަންނަވާ ގޮތުގައި އޭޝިޔާގެ ޤައުމުތަކުގައާއި އޭޝިޔާއާ ގުޅިފައިވާ ކަނޑުތަކުގައި ބާރާއި ނުފޫޒު ވަރުގަދަކުރުމަށް ޗައިނާ އާއި އިންޑިޔާ ކުރަމުންގެންދާ މަސައްކަތްތަކާ އެކު މިދެޤައުމުގެ ނުފޫޒު އޭޝިޔާގައި ދަނީ ފެތުރެމުންނެވެ. ނަމަވެސް އޭޝިޔާގެ ޤައުމުތަކުގައި އިންޑިޔާގެ ނުފޫޒަށް ވުރެ ހަލުއިކަމާ އެކު ފެތުރެމުން ދަނީ ޗައިނާގެ ނުފޫޒުކަމަށްވާ އިރު އޭޝިޔާގައި އިންޑިޔާއަށް ވުރެ ހުރިހާ ގޮތަކުން ވެސް ބާރުގަދަވެފައި ނުފޫޒުބޮޑީ ޗައިނާގެ އެވެ.
އިންޑިޔާގެ ވަށައިގެންވާ ޤައުމުތަކަށްބަލާ އިރު ޕާކިސްތާނާއި ނޭޕާލާއި ބަންގްލަދޭޝް އާއި ބޫޓާންއާއި މިޔަންމާއަކީ ޗައިނާގެ ނުފޫޒު ގަދަ ޤައުމުތަކެވެ. ޚާއްސަކޮށް ޕާކިސްތާނަކީ ޗައިނާގެ ސްޓްރެޓީޖިކް ބައިވެރިއެއްގެ ގޮތުގައި ޗައިނާއާއި ގުޅުންތައް ބަދަހިކޮށް މުޢާމަލާތައް ކުރަމުންގެންދާއިންޑިޔާގެ އެންމެ ބޮޑު ހަތުރެވެ.
ނޭޕާލާއި މިޔަންމާ (ބަރުމާ) އަކީ ޒަމާނުއްސުރެ ޗައިނާއާ ގާތް ދެ ޤައުމެވެ. މިފަހަކަށް އައިސް ޗައިނާގެ ކުންފުނިތަކުން ކުރަމުންގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ބަންގްލަދޭޝްއާއި ސްރީލަންކާގައި ވެސް އިންޑިޔާގެ ނުފޫޒަށް ވުރެ ޗައިނާގެ ނުފޫޒުދަނީ ގަދަވަމުން ކަމަށް އެމެރިކާގެ ޖޯޖިޔާ އިންސްޓިޓިއުޓް ފޯރ ސައެންސް ގެ ޕޮލިޓިކަލް ސައެންސާބެހޭ ޕްރޮފެސަރ ޖޯން ގާފަރ ދެކެވަޑައިގަންނަވަ އެވެ.
ޖޯންގެ ނަޒަރުގައި ޗައިނާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވެސް ކުޑައެއްނޫނެވެ. މީގެ ހެއްކަކީ ޗައިނާގެ ވަށައިގެންވާ އަވަށްޓެރި ޤައުމުތަކަކީ ޑިމޮކްރެޓިކް ޤައުމުތަކަށްވުމުން ޗައިނާ ކަންބޮޑުވާ ކަންބޮޑުވުންތަކެވެ. ޗައިނާގެ އަވައްޓެރިންގެ ގޮތުގައިތިބި ބޮޑެތި ޤައުމުތައް ކަމަށްވާ އިންޑިޔާ، ޖަޕާން، އަދި އޮސްޓްރޭލިޔާ ފަދަ ބޮޑެތި ޤައުމުތަކަކީ ޑިމޮކްރެޓިކް ޤައުމުތަކެވެ. އަދި ޗައިނާގެ ވަށައިގެންވާ ކުދިޤައުމުތަކަކީ ވެސް ޑިމޮކްރެޓިކް ޤައުމުތަކެވެ. މީގެއިތުރުން އޭޝިޔާގައި އެމެރިކާ އަދާކުރާ ނުފޫޒުގެ ދައުރާމެދުވެސް ޗައިނާކަންބޮޑުވެ އެވެ.
އެމެރިކާގެ މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީ އިންޑިޔާ އަށް ދިނުމާބެހޭ ގޮތުން 2008 ވަނަ އަހަރު ދެ ޤައުމުން ސޮއިކުރި އެއްބަސްވުމަކީ ޗައިނާއާ ކުރިމަތިލުމަށްޓަކައި އިންޑިޔާ ކުރިޔަށް ނެރުމުގެ ވިސްނުމުގައި އެމެރިކާ އެޅިފިޔަވަޅެއް ކަމަށް ޗައިނާ ދެކެ އެވެ. އެހެންކަމުން މިކަމުގެ ރައްދުގައި އަޅަން ޖެހޭ ފިޔަވަޅުތައް ޗައިނާ ގެންދަނީ އަޅަމުންނެވެ.
މިގޮތުން ޗައިނާ ވަނީ، ނިއުކްލިޔާ ޓެކްނޮލޮޖީއާ ގުޅުން ހުރި މާއްދާތައް އިންޑިޔާ އަށް އެކްސްޕޯޓްކުރުން މަނާކުރުމަށް އދ. އިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އާއި އިންޑިޔާ ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ސިޔާސަތެއް ގެންގުޅެންފަށާފަ އެވެ. އަދި ޗައިނާ އާއި އިންޑިޔާގެ ސަރަޙައްދީ ރޮނގުގެ މައްސަލަތަކުގައި ވެސް ޗައިނާ ވަނީ އިންޑިޔާ އަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސްޓްރެޓެޖީއެއް ގެންގުޅެން ފަށާފަ އެވެ. މީގެ އިތުރުން ޖޯގްރަފިކަލްގޮތުން އިންޑިޔާއާ އެންމެ ކައިރި ޤައުމުތައް ކަމަށްވާ ސްރީލަންކާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއެކު ގުޅުންތައް ބަދަހިކޮށް އެ ޤައުމުތަކުގައި ޗައިނާގެ ކުންފުނިތައް ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކާއި މެގަ ޕްރޮޖެކްޓްތައް ކުރިޔަށްގެންދަން ފަށާފަ އެވެ.
ޢަސްކަރީ ދާއިރާއަށް ބަލާއިރު ޕާކިސްތާނުގެ ރޮކެޓް ޕްރޮގްރާމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެނީ ޗައިނާއިންނެވެ. ނިއުކްލިޔާ އިތުރު ދެ ރިއެކްޓަރު ޕާކިސްތާނުގައި ބިނާކޮށްދިނުމަކީ ވެސް ޗައިނާ އިން އިންޑިޔާ އަށް ކުރިމަތިކުރާ ފިއްތުންތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ.
ޢުމްރާނީ ތަރައްޤީ އާއި އިންފްރާސްޓްރަކްޗާގެ ދާއިރާ އަށް ބަލާއިރު ސްރީލަންކާގަ އާއި މިޔަންމާގަ އާއި ބަންގްލަދޭޝްގައި އިންފްރާސްޓްރަކްޗަރުގެ ބޮޑެތި މަޝްރޫޢުތަކަކީ ޗައިނާގެ މަޝްރޫޢުތަކެވެ. ޗައިނާގެ މިކަންތައްތަކާ ކުރިމަތިލުމަށް އިންޑިޔާ ގެންގުޅެނީ "އިރުމައްޗަށް ބެލުން" މިސްޓްރެޓެޖީ އެވެ.
މިސްޓްރެޓެޖީ ތަންފީޒުކުރުމަށް އިންޑިޔާ ގެންގުޅޭ މައިގަނޑު ހަތިޔާރަކީ ވެސް އެޤައުމުގެ ކުންފުނިތަކެވެ. ދެން ޢަސްކަރީ އަދި މަދަނީ އެހީތަކާއި ޑިޕްލޮމަސީއެވެ. ނަމަވެސް އޭޝިޔާގައި ހަލުއިކަމާ އެކު ކުރިއަރަމުން އަންނަ ޗައިނާގެ ނުފޫޒާ ކުރިމަތިލައިގެން ނަތީޖާ ޙާސިލްކުރުމުގައި އިންޑިޔާއަށް ވުރެ ޗައިނާގެ މާކާމިޔާބު ކަމަށް ދިއްލީގައި ހުންނަ ސްޓްރެޓީޖިކް ރީސާޗް ތަކާބެހޭ އިންޑިޔާގެ މަރުކަޒުގެ ތަޖްރިބާކާރު ރާޖާ މޯހަން ދެކެވަޑައިގަންނަވަ އެވެ.
(އިޤްތިސާދީ ޕްރޮޖެކްޝަންތަކާއި ޖިއޮސްޓްރެޓީޖިކްދިރާސާތައް