28 Apr 2012, 23:15
އަނގަތެރޭ ފޮރުވައިގެން އއ. ހިމަންދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ފުލުހުން ބުނީ ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކޮން ނަމެއް ކިޔާ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހަކީ ފެރިދޫން މަސްތުވާތަކެތި ގަނެގެން ހިމަންދު އަށް ދިޔަ ހިމަންދޫ މީހެކެވެ.
ފުލުހުން ބުނީ ހިމަންދޫ ރަށު ކައުންސިލްގެ ފަރާތުން ދިން މަޢުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމީހާ ހައްޔަރު ކޮށްފައި ވަނީ ފެރިދޫން ހިމަންދުއަށް އޭނާ ކުއްޔަށް ހިފައިގެން ދިޔަ ލޯންޗުން އެރަށަށް ފޭބި ވަގުތު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ޗެކްކޮށް ބެލިބެލުމުން އޭނާގެ އަނގައިގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ޕެކެޓް ފެނިފައިވާ ކަމަށެވެ.
މީގެއިތުރުން ވެސް މިމަހުގެ 18 ވަނަ ދުވަހު ވެސް ވަނީ ހިމަންދޫން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއި އެކު މީހަކު ހައްޔަރު ކޮށްފަ އެވެ.