31 May 2023, 11:05
ކުޑަ ދަރިފުޅަކާ އެކު މަންމަ އަކު ގެއްލިގެން އާއިލާއިން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާންމު ކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ, ގެއްލިގެން ހޯދަމުން އަންނަނީ ހއ. އިހަވަންދޫ,/ނަސްރީނުގެ, އާއިޝަތު އިހްސާނާ (32) ކަމަށެވެ. އޭނާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ދެ ދުވަސް ވެގެން ދިޔައިރުވެސް އޭނާގެ ޚަބަރެއް ނުވުމުން ފުލުހުން މިއަދު ފޮޓޯ އާންމުކޮށް ބުނެފައިވަނީ އިހްސާނާ ގެއްލިފައިވަނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާ އެކުގައި ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އިހްސާނާ އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އޭނާ ދިރިއުޅޭ ހުޅުމާލެ ހިޔާ 06-4-15 އިން ކަމަށެވެ.
އިހްސާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް އެންގުމަށް ވަނީ އެދިފައެވެ.
މިފަހުން މީހުން ގެއްލިގެން ފުލުހުން އިއުލާނު ކުރުމަކީ އާންމު ކަމެކެވެ. އެގޮތުން މި މަހު ވެސް ވަނީ ދެ މީހަކު ގެއްލިގެން އިއުލާން ކޮށްފައެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ ފުލުހުން ފޮޓޯ އާންމުކުރިތާ މާ ގިނައިރުތަކެއް ނުވެ ފެނިފައެވެ.