މެންޗެސްޓާ ޔުނައިޓެޑުން ހޯދުމަށް މަސައްކަތްކުރާ ބެންފިކާގެ ޕޯޗުގަލް ފޯވަޑް ގޮންކާލޯ ރާމޯސްއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ވިދާލުމުގެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށް ޔުނައިޓެޑުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.

އަންނަ ސީޒަނަށް ޔުނައިޓެޑުން ސްޓްރައިކަރެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެ ކުލަބުގެ ކޯޗު އެރިކް ޓެން ހާގް ވެސް ކުރިން ވަނީ ބުނެފައެވެ. އެ ކްލަބުން ހޯދުމަށް މަސައްކަތްކުރަމުންދާ ސްޓްރައިކަރުންގެ ލިސްޓުގައި ރާމޯސް ހިމެނޭ އިރު، ގައުމީ ޓީމަށް އެކުގައި ކުޅޭ ބްރޫނޯ ފެނާންޑޭޒް ވަނީ ރާމޯސްއަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.

"ރާމޯސް އެ މަސައްކަތްކުރާ ގޮތަށް މަސައްކަތްކޮށްފި ނަމަ، ދުނިޔޭގައި އުފެދުނު އެންމެ މޮޅު ސްޓްރައިކަރުންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އޭނާއަށް އޮންނާނެ. މިހާރު ވެސް އޭނާ އުޅެނީ އެކަމާ ގާތުގައި. އެކަން ސާބިތުކޮށްދޭން އޭނާ ޖެހޭނީ ވަރުގަދަ ލީގަކަށް ބަދަލުވާން. އަހަރެން ގަބޫލުކުރަނީ އޭނާއަކީ ކާމިޔާބީ ހޯދުމުގެ ހުރިހާ ފެންވަރެއް ހުރި ކުޅުންތެރިއެއް ކަމަށް،" 'ސްޕޯޓީވީ'އަށް ދިން އިންޓަވިއުއެއްގައި ފެނާންޑޭޒް ބުންޏެވެ.

ފެނާންޑޭޒް ބުނީ ޕްރިމިއާ ލީގުގައި ކިތަންމެ މޮޅު ކުޅުންތެރިޔަކަށް ވިޔަސް، ކާމިޔާބީ ހޯދުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭނެ ކަމަށާއި ރާމޯސްއަކީ ޔުނައިޓެޑް ހިމެނޭ ގޮތަށް ޕްރިމިއާ ލީގުގެ ކޮންމެ ކުލަބަކަށް ކުޅުމުގެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށެވެ.

ރާމޯސް ވިދާލާފައިވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ފުރުސަތު ލިބުނު ކުޅުންތެރިޔާގެ ގޮތުގައެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ވެސް ފުރިހަމަކޮށްފައެވެ.

މި ސީޒަނުގައި ބެންފިކާއަށް ކުޅުނު 47 މެޗުން 27 ގޯލު ކާމިޔާބުކުރި ގޮންކާލޯއަކީ އެ ކުލަަބަށް ޕޯޗުގަލް ލީގު ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. އޭނާ ހޯދުމަށް ޔުނައިޓެޑުން ބެންފިކާއަށް 120 މިލިއަން ޔޫރޯ (128.7 މިލިއަން ޑޮލަރު)ގެ އަގެއް ހުށަހަޅަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ކުޅޭ ފަހު މެޗަށް ނުކުންނަން ޖެހޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ އެފްއޭ ކަޕްގެ ފައިނަލުގައި ޔުނައިޓެޑް ނުކުންނާނީ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.