ޕޯޗުގަލް ޑިފެންޑަރު ޖޮއާ ކެންސެލޯ ހޯދުމަށް ބާސެލޯނާ އިން މަސައްކަތްކުރި ނަމަވެސް، މެންޗެސްޓާ ސިޓީން އެކަން ހުއްޓުވި ކަމަށް ބާސާގެ ކޯޗު ޒަވީ ބުނެފިއެވެ.

ބާސާ އިން މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މިދިޔަ ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން ކެންސެލޯ ގުޅުނީ ބަޔާން މިއުނިކާއެވެ. ބަޔާނާ ގުޅުމުގެ ކުރިން ބާސާއާ ގުޅުމަށް ކެންސެލޯ އެއްބަސްވި ނަމަވެސް، އެކަން ނިމުމަމަކަށް ގެންނަން ޖެހުނީ ސިޓީން ދެކޮޅު ހެދުމުން ކަމަށް ބާސާގެ ކޯޗު ޒަވީ ވަނީ ބުނެފައެވެ.

"އަހަރެމެން ކެންސެލޯ ބޭނުންވި. އޭނާ ގެނައުމަށް އެއްބަސްވުމަކަށް ވެސް ދެވުނު. އެކަމަކު ފަހުން ސިޓީން ބުނީ ބާސާއަށް ކެންސެލޯ ގުޅެން ބޭނުންނުވާ ކަމަށް. މިއީ ހަގީގަތަކީ،" 'ޓީވީ3' އަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުންޏެވެ.

ބަޔާނަށް 15 މެޗު ކުޅެ، ކެންސެލޯ ވަނީ އެ ކްލަބަށް ޖަރުމަން ބުންޑަސްލީގާ ކާމިޔާބުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ބަޔާނަށް 70 މިލިއަން ޔޫރޯ (78 މިލިއަން ޑޮލަރު) އަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ކެންސެލޯ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ކްލަބުން އެކަމަށް މަސައްކަތްކޮށްފައެއް ނުވެއެވެ.

ބަޔާނުން ކެންސެލޯ ހޯދުމަށް ހުށަހެޅުމެއް ހުށަހަޅާފައި ނުވުމުން، އަލުން ބާސާ އިން އޭނާ ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. ކެންސެލޯ ވެސް މިހާރު ބޭނުންވަނީ ސިޓީ ދޫކޮށް، ދާއިމީ އެއްބަސްވުމެއްގެ ދަށުން އެހެން ކްލަބަކާ ގުޅެން ކަމަށް ރިޕޯޓުތައް ބުނެއެވެ.