30 May 2023, 23:32
އެލްއޭ ގެލެކްސީގެ ބްރެޒިލް ފޯވަޑް ޑަގްލަސް ކޮސްޓާ ހައްޔަރުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި އެލްއޭ ގެލެކްސީއަށް މިވަގުތު ކޮސްޓާ ކުޅެމުންދަނީ ގްރެމިއޯ އިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
ކޮސްޓާ ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ބްރެޒިލްގައި ހުންނަ އާއިލާއާ ބެހޭ ކޯޓަކުންނެވެ. މިދިޔަ ހުކުރު ދުވަހު ކޮސްޓާ ހައްޔަރުކުރަން އަމުރު ނެރެފައިވަނީ އޭނާގެ ދަރީގެ ހަރަދުތައް ނުދޭތީއެވެ. އެހެންކަމުން ކޮސްޓާ އެނބުރި ބްރެޒިލަށް އެތެރެވެއްޖެ ނަމަ، އޭނާ ހައްޔަރުކުރާނެއެވެ.
ކޮސްޓާގެ ވަކީލު، ސާޖިއޯ ކުއެރޯޒް ވިދާޅުވީ ކޮސްޓާގެ ފަރާތުން އެ މައްސަލަ ކޯޓުގައި އިސްތިއުނާފުކޮށް، އިންސާފު ހޯދާނެ ކަމަށެވެ.
އުމުރުން 31 އަހަރުގެ ކޮސްޓާ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެލްއޭ ގެލެކްސީއަށް ސޮއިކުރި ނަމަވެސް، މިހާތަނަށް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ހަތަރު މެޗުގައެވެ. އޭގެ ތެރެއިން އެއް މެޗުގައި އޭނާއަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފައެވެ.
މީގެ ކުރިން ޝަޚްތާރް ޑޮނެސްކާއި ބަޔާން މިއުނިކް އަދި ޔުވެންޓަސް އިން ކާމިޔާބީތަކެއް ހޯދާފައިވާ ކޮސްޓާ، ގްރެމިއޯއާ ގުޅުނީ 2021 ވަނަ އަހަރުއެވެ.