ބްރަސަލްސް (އޭޕްރީލް 28): ސޫރިޔާގެ މައްސަލައިގެ ތެރެއަށް ޢަސްކަރީ ގޮތުން ވަނުމުގެ އެއްވެސް ވިސްނުމެއް ނޭޓޯ އިން ނުގެންގުޅޭ ކަމަށް އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވިދާޅުވެއްޖެވެ.

އިޓަލީގެ ބޮޑުވަޒީރު މާރިޔޯ މޮންޓީއާ ރޯމްގައި ބައްދަލުކުރެއްވުމަށް ފަހު ރަސްމޯސަން ވިދާޅުވީ ޢަސްކަރީ ގޮތުން ސޫރިޔާގެ މައްސަލަ ޙައްލުކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި ސިޔާސީ ޙައްލެއް ސޫރިޔާގެ މައްސަލައަށް ގެނައުމަށް ނޭޓޯއިން ވެސް މަސައްކަތް ކުރަމުންގެންދާ ކަމުގަ އެވެ. ލީބިޔާގެ މައްސަލައިގެ ތެރެއަށް ވަދެގަތްގޮތަށް ސޫރިޔާގެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ނޭޓޯ އަށާއި ހުޅަނގަށް ނެތްކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

މިކަމުގެ އެންމެ ސަބަބަކީ ގައްޒާފީގެ ނިޒާމަކީ އެކަހެރި އަދި ރަޙްމަތްތެރިންނެތް ނިޒާމަކަށް ވިޔަސް ބައްޝާރުލް އަސަދްގެ ފަހަތުގައި ރަޝިޔާ އާއި ޗައިނާގެ އިތުރުން ޢިރާޤާއި އީރާން ފަދަ ސޫރިޔާއާ އަވަށްޓެރި ޤައުމުތައް ވެސް ތިބެފައި އދ. އިން ސޫރިޔާއާ ދެކޮޅަށް އެއްވެސް ޤަރާރެއް ފާސްކުރުމުގެ ފުރްސަތު އެމެރިކާ އަށާއި ޔޫރަޕަށް ނުލިބުން ކަމަށް އެފަރާތްތަކުން ދެކެ އެވެ. (ރޮއިޓާސް)