އިސްލާމް އާބާދު (އޭޕްރީލް 28): ޕާކިސްތާނާއި އެމެރިކާއާ ދެމެދުގައިވާ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ދެ ޤައުމުގެ ދެމެދުގައި ދެއްކި ވާހަކަތައް ނާކާމިޔާބުވެއްޖެ އެވެ.

ޕާކިސްތާނުން ބުނި ގޮތުގައި ދެ ޤައުމުގެ ދެމެދުގައި ކުރިޔަށްދިޔަ މިވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެން އެމެރިކާގެ މަންދޫބު މާރކް ގްރޮސްމެން އިއްޔެގެ ވަގުތެއްގައި ވަނީ އިސްލާމް އާބާދުން ފުރާވޑައިގެންފަ އެވެ.

ޕާކިސްތާނާއި އެމެރިކާއާދެމެދުގައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ނާޒުކު އަދި އެންމެ ޚުތޫރަތްތެރި މައްސަލައަކީ މިދިޔަ ޖަނަވަރީ މަހު އެމެރިކާ ސިފައިން ޤަވާޢިދާ ޚިލާފަށް ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ވަދެ ޕާކިސްތާނުގެ ބިމުގައި ތިބެގެން ޙަމަލާދީ ޕާކިސްތާން ސިފައިންގެ 24 މީހުން މަރާލުމެވެ. މިމައްސަލާގައި އެމެރިކާ މަޢާފަށް އެދުންނޫން ގޮތެއް ޤަބޫލުކުރުމަށް ޕާކިސްތާނުން ވަނީ ދެކޮޅުހަދާފަ އެވެ.

ޕާކިސްތާނާއި އެމެރިކާއާދެމެދުގައިވާ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ދެ ޤައުމުގެ ދެމެދުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އިސްލާމް އާބާދުގައި ކުރިޔަށްދިޔަ ޑިޕްލޮމެޓިކް ވާހަކަތައް ނާކާމިޔާބުވީ ޕާކިސްތާން ސިފައިންގެ 24 މީހުން މަރާލި މައްސަލާގައި މަޢާފަށް އެދުމަށް އެމެރިކާ ދެކޮޅުހެދުމުން ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ނިޔުޔޯކް ޓައިމްސް" ބުނެ އެވެ.

މިމައްސަލައާ ގުޅިގެން ޕާކިސްތާނުން ވަނީ އެޤައުމުގެ ބިމުން އެމެރިކާއަށް ދެމުންގެންދިޔަ ޢަސްކަރީ އެތަށް ފަސޭހަތަކެއް ދިނުން ހުއްޓާލާފަ އެވެ. މީގެތެރޭގައި އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ ސިފައިންނަށް ބޭނުންވާ ތެލާއި ހަތިޔާރާއި ކާބޯތަކެތީގެ ސަޕްލައިތައް ޕާކިސްތާނުގެ މަގުން ގެންދިޔުން މަނާކުރުން ހިމެނެއެވެ. މިކަމާ ގުޅިގެން އެހެން ޤައުމުތައް މެދުވެރިކޮށް މިސަޕްލައިތައް ގެންދިޔުމުގައި އެތައް ދަތި އުނދަނގޫތަކެއް އެމެރިކާ އަށް ކުރިމަތިވުމުގެ އިތުރުން މިކަމުގެ ޚަރަދު ވެސް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ސިފައިން މަރާލި މައްސަލާގައި ޕާކިސްތާން ރުއްސުމަށް އެމެރިކާ ކޮންމެވާހަކައެއް ދެއްކިނަމަވެސް މަޢާފަށް އެދުންނޫންގޮތެއް ޤަބޫލުނުކުރުމަށް ޕާކިސްތާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)