30 May 2023, 11:18
ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ ކިބައިން ހޯދަން އެދޭ ސުވާލުތަކުގެ ޖަވާބު ނުލިބި ލަސްވާ މައްސަލައަށް އޮތް ހައްލަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލުސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ މެންބަރުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުން ދިގު ލައިގެންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން, މެންބަރުން ކުރާ ސުވާލުތަކުގެ ޖަވާބު 14 ދުވަހުގެ ތެރޭގައި ދިނުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް, ގިނަ ފަހަރު ޖަވާބު ދިނުމަށް ތިން ވަރަކަށް މަސް ދުވަސް ހޭދަވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
އަދި، އެކަން ރިޔާސަތުން ހައްލު ކޮށްދިނުމަށް ރިޔާޒް ވަނީ އެދިވަޑައިގެންފައެވެ.
އަޅުގަނޑު އިއްޔެ ވެސް ގުޅިން މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ފޮނުވާފައި ހުރި ބައެއް ސުވާލު ތަކަށް ޖަވާބު ނުލިބިގެން. އަޅުގަނޑަށް ދެއްވި ޖަވާބަކީ މިނިސްޓަރަށް ވަގުތު ނުވެގެން ޖަވާބު ނުދެއްވަނީ ކަމަށް. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ގަވާއިދުގައި މި ބުނަނީ ވަޒީރުންނަށް ވަގުތު ވީމައި ޖަވާބު ދޭ އުސޫލެއް ކަމަކަށް މި އޮންނަނީ،ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
އެއަށް ފަހު ރައީސް ނަޝީދު ވަނީ އެކަން ހިނގާ ދާ ގޮތް މަޖިލީހުގެ އަމީން އާންމުގެ އަރިހުން ސާފު ކުރައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ, ޖަވާބު ލިބުން ލަސްވަނީ ހަމައެކަނި ވަޒީރުންގެ ސަބަބުން ކަމަށް ލަފާ ނުކުރެވޭ ކަމަށާއި, މަޖިލީހުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރެވޭހާ ހިނދަކު އެކަން ތަކުރާރު ވަމުންދާނެ ކަމަށެވެ.
މި ކަންކަން އަވަސް ކުރުމަށް މަޖިލީހުގެ މުޅި ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ތި ހުރިހާ މެންބަރުން ވެސް އެއްބަސްވެވަޑައިގަންނަވާނެ. މަޖިލީހުގެ ނިޒާމު ޕާލިމަންޓްރީ ނިޒާމަކަށް ނޭނބުރި އުނދަގުލުގައި ތިއްބަވާ ހާ ދުވަހު ހަގީގަތުގައި މިކަން މިގޮތަށް ހިނގަމުން ދާނީ،ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އެކި ވަޒީރުންގެ ފަރާތުން ޖަވާބު ހޯދުމަށް ޖުމްލަ 45 ސުވާލެއް ހުށަހަޅާފައިވާއިރު, އޭގެ ތެރެއިން 22 ސުވާލަކީ ލިޔުމުން ޖަވާބު ހޯދުމަށް ހުށަހަޅާފައިވާ ސުވާލު ތަކެވެ. ނަޝީދު އިތުރަށް ވިދާޅުވީ އެއް ދުވަހުގެ ތެރޭ 10 ވަޒީރުންނާ ސުވާލު ކުރި ނަމަވެސް މަޖިލީހުގެ ބެކް ލޮގް ސާފު ނުކުރެވޭނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދަކީ ފެށުނީއްސުރެ ވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރެކެވެ. މި ކަމުގައި އެ މަނިކުފާނާ އެހެން ސިޔާސީ ލީޑަރުންނާ ދެމެދު ވަނީ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވެސް އުފެދިފައެވެ.