އަތޮޅުތެރޭގެ ސްކޫލުތަކުގެ އިނާމު ދިނުމުގެ ޖަލްސާތައް ޝަރަފުވެރި ކޮށްދެއްވުމަށާއި, އެ ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވަނީ ހަމައެކަނި ތައުލީމީ ބޭފުޅުންނަށް ކަމުގައި ވާނަމަ, އެ މަނިކުފާނަކީ ސިޔާސީ ޝަޚްސިއްޔަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެއްވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ބައެއް މެމްބަރުން ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އަރިހުން އެ ކަމުގެ އުސޫލު އޮންނަ ގޮތް އޮޅުން ފިލުއްވާފައެވެ.

އެ ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ, ސްކޫލުތަކުގެ ޕްރައިޒް ޑޭ ތަކުގެ އެޖެންޑާ ހަމަޖައްސަނީ ސްކޫލުތަކުން ކަމަށާއި, އެފަދަ ޖަލްސާ ތަކަށް ސްކޫލުތަކުން އާންމު ގޮތެއްގައި ދައުވަތު ފޮނުވަނީ ތައުލީމީ ބޭފުޅުންނަށް އެކަނި ކަމަށެވެ.

އަޅުގަނޑުމެން ވަރަށް ބަލަން ސްކޫލުތަކަށް ވަދެ ވާހަކަ ދައްކަނީ ކޮން ބައެއް ތޯ. މިނިސްޓްރީން އެޕްރޫވް ކުރާނެ. އާންމު ގޮތެއްގައި ސްކޫލުތަކުން ކޮންމެވެސް އެކަޑެމިކް ބޭފުޅެއް އެހެން ނޫނީ އެ ބޭފުޅުން ނިންމަވާ ބޭފުޅެއް ގެންދަވަނީ.މިނިސްޓަރު ޑރ. އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ / ފޮޓޯ: މަޖިލިސް

މިނިސްޓަރުގެ އެ ޖަވާބަށް ފަހު އެއާ ގުޅުވާ ރައީސް ނަޝީދު ވިދާޅުވީ, ސްކޫލުތަކުގެ އިނާމު ދޭ ޖަލްސާތަކަށް ސިޔާސީ ބޭފުޅުން ނުގެންދާ އުސޫލެއް އޮންނަ ނަމަ, އެ މަނިކުފާނަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށެވެ.

ސިޔާސީ ބޭފުޅުން ސްކޫލުތަކުގެ ޕްރައިޒް ގިވިން އަށް ނުދާ ކަމަށް. އަޅުގަނޑު ހަނދާން ވޭ ވަރަށް ގިނަ ތަންތަނަށް އަޅުގަނޑަށް ދެވިފަ ވާނެ. އަދި މިހާރުވެސް ވަރަށް ގިނަ ތަންތަނަށް ދައުވަތު ލިބިފައިވަނީ. އަޅުގަނޑު ހިތުން ތި ވިދާޅުވާހެން އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން.ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުވެވަޑައިގެންނެވުމުން, ސަރުކާރާ ދެކޮޅު ދާއިރާތަކުގެ މެމްބަރުންނަށް ވުޒާރާ ތަކުގެ އެއްބާރުލުން ގިނަ ފަހަރު ނުލިބޭ ކަމުގެ ޝަކުވާ ފެންމަތިވެއެވެ. އަދި ދާއިރާތަކާ ގުޅޭ މަޝްރޫއުތަކުގެ ކަންކަމުގެ މައުލޫމާތު ހިއްސާ ކުރަނީ ހަމައެކަނި ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނަށް އެކަނި ކަމަށާއި, މެމްބަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށްވެސް ބައެއް މެމްބަރުން ތުހުމަތު ކުރައްވައެވެ.