30 May 2023, 09:47
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ހިޔާ ފްލެޓުގައި ދެ އެޕާޓްމަންޓެއްގެ އިންފާރު ތަޅައިލައި އެއްކޮށްލި މައްސަލައިގައި އާބަންކޯއިން އެ ފްލެޓު އަތުލަން ނިންމައިފައިވާ ނިންމުގެ ސަބަބުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތުން ކޯޓަށް ދިޔަ ނަމަވެސް ނިންމުން ބަދަލެއް ނުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ، މި މަހުގެ ފަސްވަނަ ދުވަހެވެ. އެއީ ސޯޝަލް މީޑިއާގައި އެ އެޕާޓްމަންޓުގެ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ.
އެއާއެކު އެ ކަން ތަހުގީގުކުރުމަށް ފަހު އާބަންކޯއިން ވަނީ ދެ އެޕާޓްމަންޓުގެ ވެރިފަރާތް 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި, އެ ޖޫރިނަމާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އެޕާޓްމަންޓް ކުރިން ހުރި ގޮތައް ބަދަލުކޮށް 10 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފައެވެ.
ނަމަވެސް އެއިން އެއްވެސް ކަމެއް ކޮށްފައިނުވުމުން ދެން ނިންމީ އެ އެޕާޓްމަންޓުތައް އަތުލުމަށެވެ. އެގޮތުން މި ފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 14 ދުވަހުގެ މުއްދަތެއް އާބަންކޯއިންވަނީ އެ ދެ އެޕާޓްމަންޓު ހުސްކުރުމަށް ދީފައެވެ.
އަދި ކުރިން ދައްކަން އެންގި ފައިސާ ދައްކަން އިތުރު 30 ދުވަސް ވެސް މި މަހުގެ 14އިން ފެށިގެން ވަނީ ދީފައެވެ.
އެ ނިންމުމާއެކު އެ އެޕާޓްމަންޓުގެ ވެރިފަރާތުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ އެޕާޓްމަންޓުގެ ވެރިފަރާތުން އެދިފައިވަނީ އާބަންކޯއަށް އެޕާޓްމަންޓު ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށެވެ.
އެ މައްސަލަ ކޯޓުގައި މިހާރު ރަޖިސްޓްރީކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ކަމާ ގުޅިގެން އާބަންކޯގެ ޕަބްލިކް ރިލޭޝަންސްގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކޯޓަށް މައްސަލަލީ ނަމަވެސް އެ ކުންފުނީގެ ނިންމުން ބަދަލެއް ނުވާނެ ކަމަށެވެ.
އެއީ އެޕާޓްމަންޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ބަޔާންކޮށްފައިވާއިރު، މަނާ ކަމެއް ކުރުމުގެ ސަބަބުން އަޅާނެ ފިޔަވަޅުތައް ވެސް ވަރަށް ސާފުކޮށް މާ ކުރިން އެންގިފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ކުންފުނިން ވަކި އާއިލާއަކާ މެދު ވިސްނުމުގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގިނަ ރައްޔިތުންތަކެއްގެ ސަލާމަތާއި ރައްކާތެރިިކަމާއި މަސްލަހަތު ހިފެހެއްޓުމަށް ކަމަށެވެ.
"ދެ އެޕާޓްމަންޓު އެއްކުރުމަކީ ގޯހެއް. އެއީ އެގްރީމަންޓާ ވެސް ޚިލާފުވުން. ކޯޓަށް މައްސަލަ ލުމަކުން އަދި އަޅުގަނޑުމެންގެ ނިންމުން ބަދަލެއް ނުވާނެ. އެ މީހެއްގެ އަމިއްލަ ޒިންމާއެއް ދެއްތޯ ގަވައިދާ ޚިލާފު ކަމެއް ކުރުމުން އަންނާނެ ނަތީޖާއާމެދު ވިސްނުމަކީ،" އޮފިޝަލް ވިދާޅުވިއެވެ.
އާބަންކޯއިން ދަނީ ހިޔާ ފްލެޓުތަކުގެ ޙާލަތު ބެލުމަށް ދޭތެރެ ދޭތެރެއިން އެކި ކަހަލަ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. މި ފަދަ އިންސްޕެކްޝަންތަކުގައި ފާހަގަވާ އެކި ކަންކަމަށް ޢާންމުންނަށް ނަސޭހަތްތެރިވި ނަމަވެސް، ބައެއް ޢާންމުންގެ ފަރާތުން އެހީތެރިކަން ނުލިބޭކަމަށް އެކުންފުނިން ބުނެއެވެ.