30 May 2023, 10:36
އަންހެނުން ގޯރީގެ ފަރާތުން މިހާތަނަށް އެއްވެސް ކަހަލަ ހަދިޔާއެއް ލިބިފައިނުވާ ކަމަށް އެކްޓަރު ޝާހްރުކް ޚާން ބުނާ ވީޑިއޯއެއް އިންޓަނެޓުގައި ދައުރުވެއްޖެއެވެ.
އިންޑިއާގެ ބޮލީވުޑްގެ 'އައިޑިއަލް ކަޕްލް'ގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މި ދެމަފިރިންގެ ލޯބީގެ ވާހަކައަކީ ވެސް ވަރަށް ގިނަ ބަޔަކަށް އިބުރަތެކެވެ. ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާންގެ ޓެލެވިޒަން ޝޯވް "ތެރޭ މެރޭ ބީޗް މޭން"ގައި ޝާހްރުކް ވަނީ އަންހެނުން ގޯރީ ޚާން މިހާތަނަށް އެއްވެސް ދުވަހަކާ ގުޅުވައިގެން ވެސް ހަދިޔާއެއް ދީފައިނުވާކަން ފަޅާ އަރުވާލައިފައެވެ.
އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން ހާއްސަކޮށް ބޮޑު އާމްދަނީ ލިބޭ ފިލްމީ ތަރިންނަކީ ލޯބިވެރިންނަށާއި ހަޔާތުގެ ބައިވެރިޔާއާ ދެމެދު އަގު ބޮޑު ހަދިޔާ ބަދަލުކުރާ ބައެކެވެ.
ޝާހްރުކް ބުނެފައިވަނީ، ހަދިޔާ ނުލިބޭތީ ޝަކުވާކުރުމުން އަންހެނުން ގޯރީ ޖަވާބުގައި ބުނަނީ ގޯރީ ވެސް ހިމެނޭ ގޮތަށް ދުނިޔެމަތީގައި ބޭނުންވާ ހުރިހާ އެއްޗެއް ލިބިފައިވާ މީހަކަށް އިތުރަށް ދޭނީ ވަކި ކޯއްޗެއްތޯއެވެ.
މި ޝޯވްގައި ޝާހްރުކްގެ ބުނެފައިވަނީ، ފިލްމެއްގެ ޝޫޓިން ތެރޭގައި މައިބަދައަށް ލިބުނު ގެއްލުމަށް އިނގިރޭސިވިލާތުގެ ލަންޑަންގައި ފަރުވާ ހޯދުމަށްކުރި ދަތުރުގައި ވެސް އަމިއްލައަށް ގަނެވުނު ޓީޝާޓެއް ކަމުނުގޮސްގެން ބަދަލުކުރުމަށް ގޯރީ ފޮނުވުމުން ބަދަލުގައި ގަތީ ވެސް ގޯރީއަށް ބޭނުންވާނެ އަތްދަބަހެއް ކަމަށެވެ. އެ ވަގުތު ގޯރީއާ އެކު ބަތަލާ ކާޖޮލް ވެސް ބާޒާރަށް ދިޔަކަމަށާއި ކާޖޮލް އެކަމާ ސުވާލުކުރުމުން ގޯރީ ބުނީ ހޮސްޕިޓަލުގައި އެނދުމަތިވެފައި އޮންނަ ބަލި މީހަކަށް އެ ވަގުތު ޓީޝާޓެއް ބޭނުން ނުވާނެ ކަމުގައެވެ.
ދާދި ފަހުން ޝާހްރުކްވަނީ އަންހެނުން ގޯރީގެ ފޮތް "މައި ލައިފް އިން ޑިޒައިން" ލޯންޗުކޮށްދީފައެވެ. އިންޓީރިއާ ޑިޒައިނިންގެ އިތުރުން ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ގޯރީ ޚާންގެ މި ފޮތުގައި ޑިޒައިންކުރުމުގެ ދަތުރު ފެށުނުގޮތް ކިޔުންތެރިންނާ ހިއްސާކޮށްފައިވެއެވެ. އަދި، މިހާތަނަށް އާއްމުންނަށް ނުފެންނަ އާއިލާގެ ތަސްވީރުތަކެއްވެސް މިފޮތް މެދުވެރިކޮށްވަނީ ނެރެފައެވެ.