އިންޑިއާގެ ގުޖުރާތުގެ ނަރެންދްރަ މޮދީ ސްޓޭޑިއަމްގައި މި މަހުގެ 28ވަނަ ދުވަހު ކުޅެން ނިންމި އައިޕީއެލްގެ ޕްރީ-ފިނާލޭ މެޗު ވިއްސާރަވުމުގެ ސަބަބުން ފަސްކޮށްލުމާ އެކު މިކަން މިގޮތަށް ދިމާވީ ބަތަލާ ޝްރަދާ ކަޕޫރުއާ ހެދިކަމަށް ބުނެ ސަޕޯޓަރުން ޖޯކު ޖަހައިފިއެވެ.

ދާދި ފަހުން ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އިން ފެނުނު ބަތަލާވަނީ މި މެޗު ބެލުމަށް ސްޓޭޑިއަމަށް ޒިޔާރަތް ކޮށްފައެވެ.

އެ ދުވަހު ކުއްލިގޮތަކަށް މޫސުމް ގޯސްވެ ވިއްސާރަވުމާ ގުޅިގެން އެ ދުވަހުގެ ޕްރީ-ފިނާލޭ މެޗު ވަނީ ފަސްކުރެވިފައެވެ. މި ޚަބަރާ އެކު ކްރިކެޓް ކުޅިވަރުގެ ސަޕޯޓަރެއް ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެ ދުވަހު ވިއްސާރަވާން މެދުވެރިވީ ޝްރަދާ އެ ތަނުގައި ހާޒިރުވެ ހުރުމުންކަމަށް ލަފާކުރާ ކަމުގައެވެ.

އިންޑިއާގެ ގުޖްރާތުގެ ޓައިޓޭންސް އާއި ޗެންނާއީގެ ސުޕަ ކިންގްސްގެ ފޯރިގަދަ މި މެޗު ފަސްކުރެވުމުން ދަނޑަށް ދިޔަ ގިނަ ސަޕޯޓަރުން މާޔޫސްކުރުވިއެވެ. އަދި، މިއީ އައިޕީއެލްގެ ތާރީޚުގައި ވެސް މިފަދަގޮތަކަށް ކްރިކެޓް މެޗެއްގެ ފައިނަލް ފަސްކުރެވުނު ފުރަތަމަ ފަހަރުކަމުން ގިނަ ބަޔަކު އިނގިލި ދިއްކުރީ ކުށެއް ނެތް ޝްރަދާ ކަޕޫރަށެވެ.

އޭގެ ސަބަބެއް ކަމަށް ސަޕޯޓަރުން ބުނެފައިވަނީ މިހާތަނަށް ޝްރަދާ ކުޅެފައިވާ ގިނަ ފިލްމުތަކުގައި ބަތަލާ ފެންނާނީ ވާރެއާއި ތެމި ފޯވެފައިވާ މަންޒަރުތަކުންނެވެ. މީގެ އިތުރުން ބޯކޮށް ވެހޭ ވާރޭ ތެރޭގައި ޝްރަދާވަނީ އައިކޮނިކް ލަވަތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި، ފިލްމު "އާޝިޤީ2"، "އެކް ވިލެން"، "ބާޣީ" އަދި "ހާފް ގަލް ފްރެންޑް"ގެ ލަވަތައް ހިމެނެއެވެ.

ޝްރަދާގެ ސަޕޯޓަރުން ވެސް ސޯޝަލް މީޑީއާގައި ހިއްސާކުރި މީމްސްތަކާ އެކު ބައެއް ޕޯސްޓުތައް ބަތަލާވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ބައެއް ސަޕޯޓަރުންގެ ޕޯސްޓުތަކުގައި ބުނެފައިވަނީ ޝްރަދާ ދާ ކޮންމެ ތަނަކަށް ވެސް ވާރޭ ވެހޭނެކަން މިހާރު ޔަޤީން ކުރެވޭނެ ކަމަށެވެ.

ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަމަރު ކޯޝިކްގެ ފިލްމު "ސްތްރީ2"އިންނެވެ.