30 May 2023, 09:05
ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަނުކޮށްފިއެވެ.
ހުސްނުއްސުއޫދު އެ މަގާމަށް އެންމެ ފުރަތަމަ، މިދިޔަ އަހަރު އައްޔަން ކުރީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަބްދުއްރައޫފް އިބްރާހިމް, ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކާ، އެ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތު ދުވަހުއެވެ.
ކޮމިޓީގެ ހުރިހާ މަގާމަކަށް ވެސް ކުރިމަތި ލާފައި ވަނީ އެންމެ މީހެކެވެ. އެހެންކަމުން މަގާމުތަކަށް މީހުން އައްޔަންކުރީ ވޯޓު ލުމަކަށް ނުގޮހެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތިލާ ހޮވުނު ފަނޑިޔާރުން:
ރައީސް: ފަނޑިޔާރު ހުސްނުއްސުއޫދު
ނައިބު ރައީސް: ގާޒީ މުހައްމަދު އީސާފުޅު، ޖުވެނައިލް ކޯޓުގެ ގާޒީ
ސެކްރެޓަރީ ޖެނެރަލް: މުހައްމަދު ސޯދިގު، ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓު އަދި ދާއިރާގެ އިސް މެޖިސްޓްރޭޓް
އިންތިޒާމު ސެކްރެޓަރީ: ހަސަން ޝިޔާމް ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓު، ށ. ޖުޑީޝިއަލް ދާއިރާ އިސް މެޖިސްޓްރޭޓް
ހަޒާންދާރު: ގާޒީ އަހްމަދު ރަޝީދު، ސިވިލް ކޯޓު
ހަޒާންދާރުގެ އެހީތެރިޔާ: އަޒީމް ހަސަން، ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓު
ތަރުޖަމާން: ފަރުހާދު ރަޝީދު، ސިވިލް ކޯޓުގެ ގާޒީ
އިތުރު މެންބަރުން:
ފެމިލީ ކޯޓު ގާޒީ، ޒައީމާ ނަޝީދު އަބޫބަކުރު
ފެމިލީ ކޯޓު ގާޒީ، މައީޝާ ޔޫސުފް ސަމީރު
ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު، އިސް މެޖިސްޓްރޭޓް، މުހައްމަދު ޝަރީފް
ތ. ވަންދޫ މެޖިސްޓްރޭޓް ކޯޓު މެޖިސްޓްރޭޓް، އިސްމާއިލް ނިޔާޒު
ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް ހުށަހަޅާފައިވަނީ 2019ވަނަ އަހަރެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މީގެ ކުރިން ބުނީ އެ ޖަމިއްޔާ ހަދަނީ ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިގެންވާ ހައްގުގެ ދަށުން ކަމަށެވެ.
އެ ޖަމިއްޔާގެ މަގުސަދަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެ މީހުންގެ އިމްތިޔާޒުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.