30 May 2023, 08:58
އެކްޓަރު ރަންދީޕް ހޫޑާ ލީޑް ރޯލް ކުޅޭ އަދި އެކްޓަރު ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ފިލްމު "ސުވަތަންތުރިއާ ވީރު ސަވަރުކަރު"ގެ ޓީޒާ ރިލީޒްކޮށްފިއެވެ.
މި ފިލުމަކީ، އިންޑިއާގައި އުފެދުނު ޖެހިލުން ކުޑަ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ ވިނާޔަކް ދަމޯދާރު ސަވަރްކަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ މި ފަހުލަވާނަކީ، ކުޅަދާނަ ލިޔުންތެރިއެއް ވެސް މެއެވެ. ވިނާޔަކް ދަމޯދާރަކީ 'މޯސްޓް ވޯންޓެޑް އިންޑިއަން ބައި ދަ ބްރިޓިޝް'ގެ ލަގަބާ އެކު އިންޑިއާގެ ސިޔާސީ މައިދާނަށް އިންގިލާބެއް ގެނެސްދިން ވަރަށް ކެރޭ ލީޑަރެކެވެ.
ފިލްމުގެ ޓީޒާ ރިލީޒްކުރުމަށް ފަހު އެކްޓަރު ރަންދީޕް ބުނެފައިވަނީ މިއީ އިނގިރޭސީންގެ ދައުލަތުގެ އޭރުގެ ވެރިން އެ ލީޑަރަކާ މެދު ޖެހިލުންވި އަދި އިންޑިއާގެ ތާރީޚުގައި ވެސް އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ލީޑަރުގެ ވާހަކަ ބެލުންތެރިންނަށް ކިޔައިދޭނެ ފިލްމެއް ކަމަށެވެ. ވިނާޔަކްގެ ދިރިއުޅުމުގެ ވާހަކަ ނިމުމަކަށް އައިގޮތް ބަލާލުމަށް ފިލްމު ސިނަމާއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްލުމަށް ވެސް ރަންދީޕު ވަނީ އެދިފައެވެ.
މި ފިލްމުގެ ޓީޒާ ބެލުންތެރިންނާ ހިއްސާކޮށްފައިވީ ނަމަވެސް ފިލްމު ސިނަމާއަށް އަންނާނެ ދުވަހެއް އަދި އިއުލާނު ނުކުރެއެވެ.
ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރަންދީޕު ބުނީ އަލަށް ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކައިގެ ތެރެއަށް ވަނުމުން ވިނާޔަކް ދަމޯދާރުގެ ހަޔާތާ ބެހޭ ގޮތުން މީގެ ކުރިން ނޭނގޭ ގިނަ ވާހަކަތަކެއް ދަސްވި ކަމަށެވެ. މިހާތަނަށް ވިނާޔަކް ދަމޯދާރްއާ ބެހޭ ގޮތުން އެކޮ ގޮތްގޮތަށް ވާހަކަ ދެކެވި އެ ވާހަކަތައް ގަބޫލުކުރާ މީހުން ފިލްމު ބެލުމަށް ވެސް ރަންދީޕު ވަނީ އެދިފައެވެ.
އިންޑިއާގެ ތާރީޚުގައި ހިނގާފައިވާ ގިނަ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި ރަންދީޕްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ މަހޭޝް މަންޖްރޭކަރުއެވެ. ރަންދީޕްގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންނަކީ، މާކް ބެނިންގްޓަން، އަމިތު ސިއަލް، ބަތަލާ އަންކިތާ ލޯކަންޑޭ އަދި ރަސްލް ޖިއޮފްރޭއެވެ.