މާފަރު ކައުންސިލްގެ ބައިއިލެކްޝަން ޕީޕީއެމް ކާމިޔާބު ކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމު ކުރި ވަގުތީ ނަތީޖާގައި ބުނެފައި ވަނީ ޕީޕީއެމްގެ ކެނޑިޑޭޓް އަންވަރު އަބުދުލްޣަނީ އެ ގޮނޑި ކާމިޔާބު ކުރީ، އެމްޑީޕީ ކެންޑިޑޭޓަށް ވުރެ 40 ވޯޓު އިތުރަށް ހޯދައިގެން، 323 ވޯޓުން ކަމަށެވެ.

އެމްޑީޕީ އިން ވާދަކުރި މުހައްމަދު އަބުދުލް ޣަނީ އަށް ލިބުނީ 283 ވޯޓްކަމަށް އިލެކްޝަންސުން ބުންޏެވެ.

މާފަރުގައި މިއަދު ބޭއްވި ބައި އިލެކްޝަނުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 700 އަށް ވުރެ ގިނަ މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މާފަރުގެ ގޮނޑި ޕީޕީއެމުން މިއަދު ކާމިޔާބު ކުރި އިރު މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ތިމަރަފުށީ ދާއިރާގެ މަޖިލިހުގެ ގޮނޑިއާއި ހދ. ކުމުންދޫ ރަށު ކައުންސިލްގެ ގޮނޑި ވެސް ޕީޕިއެމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

އަންވަރަކީ ފުރަތަމަ ބުރުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް، އެ ރަށު ގޮނޑިއެއް ކާމިޔާބު ކުރި މީހެކެވެ. ނަމަވެސް އޭނާ އާ އެ ޕާޓީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމެއްގައި އޭނާ ވަނީ އެމްޑީޕީން ވަކިކޮށްފަ އެވެ. އޭނާ ފަހުން އެ ގޮނޑިއަށް ކުރިމަތިލީ ޕީޕީއެމުންނެވެ.