28 Apr 2012, 14:55
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން އެމްޑީޕީގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެން ނަޝިދާ ބައްދަލުކުރެވޭ ގޮތްވީ ދެ މަސް ފަހުން ކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
ދިއެފްއެމުން ގެނެސްދޭ ވަންޓް ވަން ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ނަޝީދުއާ ބައްދަލުކުރަން ޖެހޭ ސަބަބަކީ އެ ޕާޓީ ވެރިކަމުގައި އޮތް އިރު ސިޔާސީ ގޮތުން އެންމެ އިސް ފަރާތަކީ ނަޝީދު ކަމަށް ވުމާ އެކު ވެރިކަމުގެ ދުވަސްވަރު ވެސް އެންމެ އެކަށީގެންވާ ގޮތުގައި ވާހަކަ ދައްކަން ފުރުސަތު ނުލިބި ތަފާތު ގޮންޖެހުންތަކެއް ދިމާވެފައި ވާތީ ދެން ވެސް ޕާޓީގެ ކަންކަން އިސްލާހު ކުރެވެނީ ވާހަކަ ދައްކައިގެން ކަމަށް ފެންނާތީ އެގޮތަށް ބައްދަލުކުރެއްވުމަށް އެދިވަޑައިގަތީ ކަމަށެވެ.
"ރައީސް ނަޝީދާ ވަން ޓު ވަން މީޓްކުރަން އުޅޭތާ ގާތްގަނޑަކަށް ދޮޅުމަހެއް ދެ މަހެއްހާ ދުވަސް ވެސް ވެއްޖެ. އެއީ ހަމަ ވެރިކަން ބަދަލުވިތަނާހެން އަޅުގަނޑު ރިކުއެސްޓް ކުރިން އެއީ ޕާޓީ ވެރިކަމުގައި އޮތް އިރު އެންމެ އިސްފަރާތެއްގެ ގޮތުގައި ރަސްމީކޮށް ހުރި ބޭފުޅާއާ އަޅުގަނޑާ އެންމެ އެކަށީގެންވާ ގޮތުގައި ވަގުތުތަކެއް ނުލިބި ދިއުމާ އެކު ވަރަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތީ. ދެން އިތުރަށް ވެސް ޕާޓީގެ ކަންތައް ކުރިއަށް ގެންދިއުމުގައި މަޝްވަރާކޮށްގެން ހިޔާލު ތަފާތުވުންތަކެއް ހުރިކަމުގައި ވިޔަސް އެއްގޮތް ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް ފެންނާތީ އަޅުގަނޑު ވަންޓު ވަން މަޝްވަރާކުރުމަށް އެދުނީ،" ދި އެފްއެމްގެ ވަން ޓު ވަންގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ނަޝީދާ ބައްދަލުކުރެއްވުމަށް ފުރުސަތު ނުލިބި ދެ މަސް ފާއިތުވެގެން ދިއުމަށް ފަހު މިދިޔަ ބުދަ ދުވަހުގެ ރޭ ޕާޓީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ މެދު ނަޝީދާ މަޝްވަރާކުރެއްވި ކަމަށާއި ބައެއް ކަންތައްތަކަށް ނަޝީދު އެއްބަސްވެވަޑައިގަތަސް، ބައެއް ކަންކަމުގައި ހިޔާލު ތަފާތުވެގެން ދިޔަ ކަމަށެވެ. އެ ގޮތުން ޕާޓީގެ ތެރޭގައި ހިޔަނި ކެބިނެޓެއް އުފެއްދުމާ ގުޅޭ ގޮތުން ނަޝީދު ހިޔާލު ތަފާތުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކޮންމެ ވެސް ވަރެއްގެ އެއްބަސްވުންތަކަކާ ހަމައަށް ވެސް އާދެވުނު. ދެން ޕާޓީގެ ކެބިނެޓް އެކުލަވާ ލުމާ ގުޅޭ ގޮތުން މުޅިއެކުން އެއްބަސްވުމަކާ ހަމައަށް ނާދެވުނު. އެހެންނަމަވެސް ޕާޓީ ވެރިކަމުގައި ނެތް ހިނދެއްގައި އަސާސީ ގަވާއިދުގައި ރައީސަށް ލާޒިމުކުރޭ ޕާޓީގައި ކެބިނެޓެއް އެކުލަވާލަން،" ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ސިޔާސީ މަޝްރަހު ފެންނަ ގޮތުން ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދަވާ އިރު ޓީމެއް އެކުލަވާލެވި، ޓީމުގެ މަސައްކަތެއްގެ ގޮތުގައި ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވުމުން އޭގެ ނަތީޖާތައް މާބޮޑުތަނުން ރަނގަޅުވާނެ ކަމަށާއި އޭނާ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ގޮތަށް ނުނިންމެވީ ރައީސް ނަޝީދަށް އެ ފުރުސަތު ތަނަވަސްކޮށްދެއްވުމުގެ ބޭނުމުގައި ކަމަށާއި އަދި އަވަސް އިންތިހާބެއް ބާއްވާ ނަމަ ޕްރައިމަރީއަކާނުލައި ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް ލިބން ޖެހޭނެ ކަން ގަބޫލްކުރައްވާ ކަމަށް ނަޝީދު އަރިހު ދެންނެވިކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް ދެންނެވިން އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ ކެބިނެޓެއް އެކުލަވާލުމުގައި ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި މިހާރަށް ވުރެ ޒިންމާދާރުކޮށް ހަރުދަނާ ގޮތެއްގައި ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރުމާ އެކު ރައީސް ނަޝީދަށް މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ފޯރުކޮށްދިނުންކަން،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ކެބިނެޓް ހެދުމަށް ހުށައެޅި ހުށައެޅުމަށް ނަޝީދުގެ އެއްބާރުލުން ނުލިބުނު ކަމަށާއި ނަމަވެސް އެކަން މާބޮޑުކަމަކަށް ނަހަދައި ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނަޝީދުގެ އެދިލެއްވުމަކަށް އުސްފަސްގަނޑަށް ދިޔައީ ކަމަށާއި ނަމަވެސް އެނާ އުސްފަސްގަނޑުގައި ވާހަކަ ދައްކަމުން ދިޔައިރު އެމްޑީޕީގެ މެންބަރުން އަޑުގަދަކޮށް ހަޅޭއްލަވަމުން ގެންދެވިގެންދެވުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ނާތަހުޒީބު އަމަލެއް ކަމަށެވެ.
"އަޅުގަނޑު ސްޓޭޖަށް އެރުމުން ސްޓޭޖު ކައިރީގައިތިބި ބޭފުޅުން އަޅުގަނޑަށް ބާޣީ އަށް ގޮވައި، އަޅުގަނޑުގެ އިސްތިއުފާ އަށް ގޮވައި އަޑުގަދަކޮށް، މިކަހަލަ ނާތަހުޒީބީ އަމަލުތަކެއް ހިނގައި ދިޔަ،" ޑީޑީ ވިދާޅުވި އެވެ. "އެކަމާ ގުޅެގޮތުން ރައީސް ނަޝީދު މާބޮޑު އެއްޗެއް ވިދާޅެއްނުވޭ އަޅުގަނޑު ވާހަކަ މުޅިއަކުން ނުނިންމޭ، އެހެން ނަމަވެސް ވާހަކަ ނިންމާލާފައި އަމުން ރައީސް ނަޝީދު ވިދާޅުވި ދެން އެކަމާ ކަން ބޮޑު ނުވާށޭ. އެކަންކަން ހަމައަކަށް އެޅިދާނޭ،" ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންކަން ތަކުރާރުނުވެ އެމްޑީޕީން އިސްލާހު ކުރައްވަން ޖެހޭ ކަމަށް ގަބޫލް ކުރައްވާ ކަމަށާއި އެމްޑީޕީގެ މެންބަރުންނަކީ ހަމައެކަނި އުސްފަސްގަނޑުން ފެންނަ މެންބަރުން ނޫން ކަމަށާއި އެ ޕާޓީގައި 48000 މެންބަރުން އެބަތިބި ކަމަށާއި އެ ޕާޓީ އިސްލާހުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.