އިއްޔެ މެންދުރު 18 އަހަރުން ދަށު ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އިއްޔެ މެންދުރު ފަހު 3.15 އެހާކަންހާއިރު މަޖީދީމަގު މިލިއަން ބުކް ސޮޕް ކައިރިން 18 އަހަރުން ދަށު ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އިއްޔެގެ މާރާމާރީގައި އެ ކުއްޖާގެ ބުރަކަށީގެ ދެ ތަނަކަށާއި ވައަތުގެ ކޮނޑާ ދިމާލަށް ވަނީ ވަޅި ހަރާފަ އެވެ.
ހަމަލާދިނުމަށް ބޭނުން ކުރި ކަމަށް ބެލެވޭ ދެ ވަޅިއެއްވެސް އާންމުންގެ ބަޔަކު ވަނީ ހަމަލާދިން ސަރަހައްދުގެ ކާނެއްގެ ތެރެއިން ހޯދައިފަ އެވެ.

ޒަހަމްވި ކުއްޖާއަށް ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދެމުން ނެވެ. ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގައި ޒަޚަމްކޮށްލި ކުއްޖާގެ އާއިލާ އިން އެދިފައި ވާތީ އޭނާގެ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހާމަކުރެވެން ނެތް ކަމަށެވެ.

ސިލްސިލާ މާރާމާރީތަކުގައި ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދެ ޒުވާނަކު ވަނީ މަރާލާފަ އެވެ.