ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯގެ ސޮއި ހޯދުމަށް ރެއާލް މެޑްރިޑުން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އަންނަ މަހުގެ ތެރޭގައި ލިވަޕޫލާއެކު ފިރްމީނޯ ހަދާފައިވާ އެއްބަސްވުން ނިމޭ އިރު، ރެއާލުން ހޯދުމަށް މަސައްކަތްކުރާ ސްޓްރައިކަރުންގެ ލިސްޓުގައި ފިރްމީނޯގެ ނަން ހިމެނޭ ކަމަށް އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ ރިޕޯޓުކޮށްފައެވެ.

އުމުރުން 31 އަހަރުގެ ފިރްމީނޯއަށް މިސީޒަނުގައި ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައި ނުވި ނަމަވެސް، އޭނާ ވަނީ ލިވަޕޫލަށް މުހިންމު ގޯލުތަކެއް ކާމިޔާބުކޮށްދީފައެވެ. އެގޮތުން ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފަހު މެޗުގައި ރޭ 4-4 ގެ ނަތީޖާއަކުން ސައުތުހެމްޓަން އަތުން އެއްވަރުވި މެޗުގައި ވެސް ފިރްމީނޯ ވަނީ ގޯލެއް ޖަހައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ފިރްމީނޯ ހޯދުމަށް ރެއާލްގެ އިތުރުން ވާދަވެރި ބާސެލޯނާ އިން ދަނީ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާން އަދި އެމެރިކާގެ ކްލަބުތަކަކުން ވެސް އޭނާއަށް ޝައުގުވެރިވެއެވެ.

ފިރްމީނޯ، ލިވަޕޫލާ ގުޅުނީ 2015 ވަނަ އަހަރުގެ ތެރޭގައި ޖަރުމަންގެ ހޮފެންހެމް އިންނެވެ. އޭނާ ވަނީ ލިވަޕޫލުގެ ޖާޒީގައި 250 އަށްވުރެ ގިނަ މެޗު ކުޅެ، 82 ގޯލު ކާމިޔާބުކޮށްދީފައެވެ.