ކޮލެޓީ ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕްގައި މިއަދު ފަށާފައިވާއިރު، އެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޞާލިޙެވެ.

އެ ރަސްމިއްޔާތުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ވިދާޅުވެފައި ވަނީ، ފެންވަރު ރަނގަޅު އާ ޚިދުމަތްތަކެއް ސިއްހީ ދާއިރާއިން އެ ހޮސްޕިޓަލުން ތައާރާފުކޮށް، ދިން ކަމުގައި ވީނަމަވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އައިވީއެފްގެ ޚިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެގޮތުން އަދިވެސް ލިބެނީ މީގެ ކުރިން ލިބެމުން އަންނަ ބޭސް ކަމަށާއި ކޮލެޓީ ބޭސް ލިބުމުގައި ދަތިތަކެއް އަދިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚިދުމަތް ކިތަންމެ ރަނގަޅު ނަމަވެސް އަދިވެސް ބޭސް ގެންނަން ޖެހެނީ މިތާ ކައިރި ހިސާބުތަކުން. އިންޑިއާ ލަންކާ ނުވަތަ ޕާކިސްތާނުން. މިކަން ހައްލުކޮށް ކޮލެޓީ ބޭސް ލިބޭނެ ގޮތެއް ހޯދަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވި ގޮތުގައި އެއީ އެންމެ ކުރިންސުރެ ވެސް ސިއްހީ ދާއިރާއިން ފާހަގަކުރެވޭ އަދި ދަތި މައްސަލައެކެވެ. އޭނާ ވަނީ، އެ ކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ޞާލިޙުގެ އަރިހުން އެދިފައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކޮލެޓީ ބޭސް ލިބުމުގައި ހުރި ދަތިތައް ބައްލަވާނެ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ސަރުކާރަށް ކުރެވޭނެ ކަންކަން ބަލައި، އެކަން ހައްލުކުރުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް ގެނެސް، ހުރި ދަތިތަކާއި މައްސަލަތައް ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ލިބޭނެއެވެ.

އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ފެންވަރު ރަނގަޅު ބޭސް ނުލިބޭ ވާހަކަ މީގެ ކުރިން ވެސް ރާއްޖޭގެ ހޮސްޕިޓަލުތަކާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މާހިރުން ވަނީ ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

އެގޮތުން ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ އަދި އާ ޚިދުމަތްތަކެއް މިހާރު ރާއްޖޭގައި ތައާރަފުކުރާއިރު، އަދިވެސް އެންމެ ކުރިން ލިބޭ ބޭސް މިހާރު ލިބުމަކީ ބައެއް މީހުން ފާހަގަކުރާ ގޮތުގައި މައްސަލައެކެވެ.