އެތައް ދުވަސްތަކެއް ވަންދެން ހދ. ނޮޅިވަރަމުގެ ކައުންސިލް އިދާރާ ހިސޯރުކޮށްގެން ތިބި ބަޔަކު، ފުލުހުން އެ ރަށަށް އަރާ އެ މީހުން ކައުންސިލް އިދާރާ އިން ނެރެ އެތަން ހުޅުވައިފި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އެ ރަށު ބަޔަކު ވަދެ ކައުންސިލް އިދާރާ ހިސޯރުކުރީ ރަށުން ގޯތި ދޫކުރުމުގެ މައްސަލައިގައި ހިތްހަމަނުޖެހިގެންނެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ނޮޅިވަރަމު ކައުންސިލް އިދާރާ ހިސޯރުކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން އެ ރަށު ބަޔަކު ތިބޭ މައްސަލަ ކައުންސިލުން ފުލުހުންނަށް ހުށަހެޅިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާ ތެރޭ ބޮޑުބެރުޖަހައި ލަވަކިޔައި ހަދާ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފައި ވާތީ އިއްޔެ ހަވީރު ފުލުހުން އެ ރަށަށް ގޮސް އެ ތަނުގައި ތިބި މީހުން ނެރުނު ކަމަށެވެ.

އަދި ވިދާޅުވީ މީހުން ނެރުމަށް ފުލުހުން މަސައްކަތް ކުރުމުން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ދެ މީހަކު ހައްޔަރުކުރި ކަމަށާއި އެ ދެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ނޮޅިވަރަމް ކައުންސިލް ހިސޯރުކޮށްގެން ތިބި މީހުން ވަނީ ކައުންސިލް އިދާރާގައި ބޮޑުބެރުޖަހައި ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ހުރަސް އަޅާފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އެ މައްސަލައިގައި ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.