29 May 2023, 12:44
ފާޓިލިޓީ ކެއާ ޕްރޮގާރާމެއް ތައާރަފުކޮށް، ސަރުކާރުން އެހީ ދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ވަނީ ފަށައިފއެވެ.
މި ޚިދުމަތް ދިނުމަށް ފާޓިލިޓީ ސެންޓަރު ހުޅުވުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ބޭއްވި ރަސްމިިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، އައިވީއެފް އަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ޚިދުމަތަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއްކަމަށެވެ.

އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އެގޮތުން މީގެ ކުރިން، އައިވީއެފްގެ ޚިދުމަތަށް ޚަރަދުކުރަން ޖެހޭ މިންވަރު އިތުރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޚިދުމަތް ރާއްޖޭގައި ފެށުމުން ހާސިލު ވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖޭގައި ހުރެގެން ފަރުވާލިބުން ކަމަށެވެ.
"ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު މިކަމުގެ ސަބަބުން ހާސިލުވާނެ. މި ޚިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފެށުމުން، މި ޚަރަދުތަކާއި ފަރުވާ ހޯދުމަށް ހުރި ދަތިތަކަށް ހައްލުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު، ރައީސް ވަނީ ރާއްޖޭގައި ނެޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފުކޮށް، މިކަމަށް ސަރުކާރަށް ދެވޭނެ އެހީތައް ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އެގޮތުން ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާ މީހުން ކަނޑައެޅުމާއި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިގްތިސޯދަށް ވެސް ކުރާނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ޚިދުމަތް މިއަދު ފަށާފައިވާއިރު، އެ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާ ވަނީ އެ ޚިދުމަތަށް ހާއްސަކޮށްފައެވެ. އެ ޚިދުމަތް އެ ހޮސްޕިޓަލުގައި ދެނީ 46،000 ރުފިޔާއަށެވެ.

އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ޓްރީ ޓޮޕްގައި އައިވީއެފް ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ތަޖުރިބާކާރު ދިވެހި ޑޮކްޓަރު ޒާކިޔާ އަހުމަދާއި ބޭރުގެ ތަޖުރިބާކާރެކެވެ. ކުރިން ގައިނޮކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒާކިޔާ މިހާރު ވަނީ އައިވީއެފްގެ ދާއިރާއިން ސްޕެޝަލައިޒް ވެފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ، އައިވީއެފްގެ ޚިދުމަތަށެވެ. ޓްރީޓޮޕްގައި އައިވީއެފް ސެންޓަރު ހުޅުވާފައި ވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ.