އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއާލް"ގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް، ނިމިދިޔަ ރައީސް ނަޝީދުގެ ސަރުކާރުން ހުއްދަ ދީފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެކަމަށް ގޮތެއް ނިންމަންދެން، އިޒްރޭލު ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ އެއްވެސް ހުއްދައެއް ނުދިނުމަށް، ސަރުކާރަށް އަންގައި ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ހިމަނާފައިވާ ގޮތަށްއެ ގަރާރު ފާސްކުރީ މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި46 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑިގަތް44 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ބުނެފައި ވަނީ" އިޒްރޭލްގެ ގައުމީ އެއާލައިންގެ ފްލައިޓްތައް ދިވެހި ރާއްޖެ އަށް ދަތުރު ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ހުށަހެޅިފައިވާ މައްސަލައާ މެދު އެ ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމަވަންދެން، އިޒްރޭލްގެ ފްލައިޓްތައް ދިވެހި ރާއްޖެ އަށް ދަތުރުތައް ފެށުމަށް އެއްވެސް ހުއްދައެއް ނުދިނުމަށް ދިވެހި ސަރުކާރަށް އަންގައި މި ގަގާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން" ކަމަށެވެ.

އެ ގަރާރު މަޖިލީހުން ފާސްކުރީ، އިޒްރޭލުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ހުއްދަ ދިނުމަށް އޭރުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ޅ. އަތޮޅު ދިއްފުށިމާދޫގައި އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ގާއިމުކުރުމަށް ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމުގެތުހުމަތުތަކާއި އިޒްރޭލުގެ މީހުން ދަނޑުވެރިކަންކުރުމަށް ސަރުކާރުން އެ ސަރުކާރުން ބިމެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ބަލައި ދިނުމަށް، އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ކަމާ ބެހޭ ވުޒާރާތަކުގައި އޭރު ތިއްބެވި މިނިސްޓަރުންނާ ސުވާލު ކުރައްވައިގެން ދިރާސާކުރުމަށް ފަހު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ، އެ މައްސަލައާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރުމުން، އެ ކަންކަމުގެ އަމަލީ އެއްވެސް ކަމެއް ފަށާފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމަށް ހުއްދަ ދީފައިނުވާ ކަމަށް އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ކޮމިޓީގައި ވިދާޅުވެފައިވާ ކަމަށާއި ރާއްޖޭގެ އެއްވެސް ބިމެއް އިޒްރޭލަށް ދީފައިނުވާ ކަމަށް އޭރުގެ އެގްރިކަލްޗަރު މިނިސްޓަރު ޑރ. އިބްރާހީމް ދީދީ ވިދާޅުވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި އިޒްރޭލާއެކުގައި ރާއްޖެ އިން އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްދިނުމަށް، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ، ކޮމިޓީގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ މައްސަލައާ ބެގޭގޮތުން މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން އެފަދަ އަމަލެއް ނުހިންގާ ކަމަށް އޭރުގެ މިނިސްޓަރުން ވިދާޅުވާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި ހާއްސަކޮށް އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް އެ މައްސަލައިގައި އެތައް ގޮތަކަށް ވާހަކަ ދައްކަވައި ރައްޔިތުންނަށް ދޮގު ހައްދަވާފައިވާ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

އިޒްރޭލް ގައުމީ އެއާލައިން "އެލްއާލް"ގެ ދަތުރުތައް ރާއްޖެ އަށް ފެށުމާބެހޭ ގޮތުން، އޭރު ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ހުންނަވައިގެން އާދިލް ސަލީމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްގެން ނޫނީ އިޒްރޭލުގެ ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ނުހިފޭއްޓޭނެ ކަމަށެވެ.

އަދި ޑރ. ވަހީދުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިންޓަރު ޑރ. އަހްމަދު ޝަމްޙީދު ވިދާޅުވެފައި ވަނީ އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއާލް"ގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ހުއްދަ ދިނުމަށް ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތު މި ސަރުކާރުން މަޑުޖައްސާލާފައިވާ ކަމަށެވެ.