މިނިވަން ނޫސްވެރިކަމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަބުރުފުޅަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓް ކުރުން ކުށްވެރިކޮށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަދެއްކެވުމުން ރައީސް މުހައްމަދު ނަޝީދު ހިނިފުޅުވަޑުވައި މަލާމާތް ކުރައްވައިފިއެވެ.

'ޗެނަލް 13' އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް ޞާލިޙްއަށް ނިސްބަތްކޮށް އެމަނިކުފާނުގެ ނަންފުޅު ހަޑިވާގޮތަށް ހިމަނާފައިވާތީ، ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ޗެނަލްގެ މައްސަލަ ބަލަން ނިންމައިފައެވެ.

ޗެނަލް 13ގެ މައްސަލަ ބެލުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ބައެއް މެމްބަރުން ވާހަކަދައްކަވާފައިވާއިރު، ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ބައެއް އިދިކޮޅު މެމްބަރުން ކުރެއްވިއެވެ.

އެގޮތުން، ކުރީގެ ވެރިކަންތަކުގައި އެކި ވެރިންނަށް ކިޔާފައި ހުރި ނަންނަމުގެ މިސާލު ނަންގަވައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އެއީ ސިޔާސީ މީހުން ސަރުކާރު ޖަވާބުދާރީ ކުރުވަން ގެންގުޅޭ އުކުޅެއް ކަމަށެވެ. އަދި އެ ހުރިހާ ވާހަކައަކީ އެންމެން އެއްބަސްވާ ކަމަކަށް ވާންނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އީވާގެ އެ ވާހަކަތަކާ ގުޅުވައި ރައީސް ނަޝީދު ވިދާޅުވީ، މީގެކުރިންވެސް ސިޔާސީ ވެރިންނަށް ނިސްބަތްކޮށް އެތައް ނަމަކުން މަޖިލީހުގެ ތަޅުމުގައިވެސް ގޮވާފައި އެބަހުރި ކަމަށާއި، ރައީސް ޞާލިޙަށް ނިސްބަތްކޮށް އިދިކޮޅު ފަރާތަކުން ވަކި ނަމެއް ބޭނުން ކުރުމަކީ ބަޔަކު ހަމައިން ނެއްޓެންވީ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ބަހުސް ކުރުމަށް ލިބުނު ފުރުސަތުގައި އެ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު އަސްލަމް ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުމާއި މީހުންގެ އަބުރު ކަތިލުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށާއި، އެމްޑީޕީ މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ކަމަށެވެ.

ހިތު ހުރިހާ އެއްޗެއް ގޮވަން ވީއެއް ނޫން. ކޮންމެ މީހެއްގެ ވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ. އަދި އެއީ ސިޔާސީ އުކުޅެއް ކަމުގައި ނުދެކޭތީ އެ ވާހަކަވެސް ދަންނަވަން.މެމްބަރު މުހައްމަދު އަސްލަމް

އެއަށްފަހު އަސްލަމްގެ ވާހަކަ ނިންމަވާލެއްވުމުން ރައީސް ނަޝީދު ވަނީ ރިޔާސަތުގައި އިންވައި އަސްލަމްއަށް ރައްދުވާ ފަދައިން ހިނފުޅުވަޑުވާފައެވެ.

ޗެނަލް 13 ގެ މައްސަލަ ބްރޯޑްކޮމްއިން ބަލަން ފަށާފައިވާއިރު، މި ފެށޭ ޖޫން މަހުގެ 12ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ޗެނެލްގެ ވެރިންނަށް ޖަވާބުދާރީވާން އެ ކޮމިޝަނުން ވަނީ އަންގާފައެވެ. މީގެ ކުރިން ވެސް އެ ޗެނަލުން ގެނައި ޕްރޮގްރާމެއްގައި ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްވާ ގޮތަަށް ބޭއަދަބީ ވާހަކަތަކެއް ދެއްކި މައްސަލައިގައި ޕްރޮގްރާމެއް ގެނައުން ހުއްޓައިލުމަށް އަންގައިފައިވެއެވެ.