މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ހުރިހާ ގޮފިތަކާއި ކޮމެޓީތަކާ އަދި އެންމެހާ މެންބަރުންނަށް އެޕާޓީން އަންގައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށްފަހުގައި އެމްއާރުއެމް އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

އީސީގެ ނިންމުން ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި އެމްއާރުއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުން ކުރި ވަގުތީ އަމުރުގައި ވަނީ އީސީ އިން ނެރުނު އަމުރު ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާފައެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރާ ގުޅުވައިގެން އެމްއާރުއެމް އިން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީ އިން ކުރަމުން އަންނަ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާކަން މި ފުރުސަތުގައި ވެސް ފާހަގަކުރާ ކަމަށެވެ.

އެމްއާރުއެމް އިން ބުނީ މި މައްސަލައިގައި އަދުލުއިންސާފު ގާއިމުކުރެވޭނެ ކަމަށް އެ ޕާޓީން އަބަދުވެސް ޔަގީންކުރާ ކަމަށެވެ.

"އެހެންކަމުން އެމްއާރުއެމްގެ މަސައްކަތްތައް ކުރިއެކޭ ވެސް ކުރިއަށް ގެންދިޔުމަށް ހުރިހާ ގޮފިތަކާއި ކޮމެޓީތަކާއި އަދި އެންމެހާ މެންބަރުންނަށް ދަންނަވަން،" ބަޔާނުގައިވެއެވެ.

އެމްއާރުއެމްގެ އެންމެހާ މެންބަރުންނަށް އެ ޕާޓީން އެދިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޕާޓީއާއެކު ދެމިތިބުމަށެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ގާނޫނުން ލިބުނީ 2005 ވަނަ އަހަރުގައެވެ.

އޭގެ ފަހުން މިހާތަނަށް ރައީސް މައުމޫން އިސްކޮށް ހުންނަވާ ވަނީ ދެ ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ.

އެގޮތުން އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުޕީއެވެ. އެއަށްފަހު ޕީޕީއެމް އުފެއްދުމުގައި ވެސް އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އުފެއްދި އެމްއާރުއެމް އަކީ ރައީސް މައުމޫން ތިން ވަނައަށް އުފެއްދެވި ސިޔާސީ ޕާޓީއެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް މައުމޫން ނިންމެވީ، ޕީޕީއެމް ތެރޭގައި ޚިޔާލުތަފާތުވެ، އެމަނިކުފާނު ޕާޓީން ވަކިކޮށް، އަދި ޝަރުއީ މަރުހަލާގައި އަނބުރާ ޕީޕީއެމް ނުލިބޭނެކަން އެނގުނު ހިސާބުންނެވެ.