29 May 2023, 09:34
ފްރާންސްގައި މި އަހަރު ބޭއްވި ކާންސް ފިލްމު ފެސްޓިވަލުގައި ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްގެ ފިލްމު "ކެންނެޑީ" ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
މި ފިލްމުގެ ސްކްރީނިންއަށް ފަހު ހަތް މިނެޓްގެ ސްޓޭޑިން އޮވޭޝަން އެއް ފިލްމަށް ވަނީ ލިބިފައެވެ. މި ފިލްމާ އެކު ސްކްރީން ކުރެވުނު އިތުރު އެހެން ފިލްމުތަކުގެ ތެރޭ ހޮލީވުޑްގެ އެކްޓަރު ޖޮނީ ޑެޕްގެ ފިލްމު "ޖޭން ދަ ބެރީ" ވެސް ހިމެނެއެވެ.
މި އަހަރު ބޭއްވުނު 76ވަނަ ކާންސް ފިލްމު ފެސްޓިވަލުގައި އަނޫރާގްގެ ފިލްމު ސްކްރީން ކުރެވުނީ މިޑް ނައިޓް ސްކްރީނިން ސެކްޝަންގައެވެ. އޯޑިއަންސްގެ ގިނަ ބައެއްގެ ތައުރީފާ އެކު ސްޓޭންޑް އޮވޭޝަން ލިބުމުން އަނޫރާގް ވަނީ ސްކްރީނިންއަށް ހާޒިރިވެތިބި ގިނަ ބަޔަކާ ބައްދަލު ކޮށްފައެވެ.
އަނޫރާގްގެ އިތުރުން މި ފިލްމުގެ ސްކްރީނިންއަށް "ކެންނެޑީ"ގެ ލީޑް ރޯލް ކުޅޭ އެކްޓަރު ރާހުލް ބަޓް އަދި ބަތަލާ ސަނީ ލިއޯނޭ ވަނީ ފެސްޓިވަލުގައި ބައިވެރިވެފައެވެ. އަނޫރާގް ބުނެފައިވަނީ ފްރާންސްގެ ތިއޭޓަރު ލޫމިއާގައި އަމިއްލަ ފިލްމެއް ޕްރިމިއާ ކުރުމުގެ ފުރުސަތު ލިބުމަކީ ވެސް ޝަރަފެއް ކަމުގައެވެ. ދުނިޔޭގެ އެތައް ގައުމަކުން ގިނަ ބަޔަކު ޒިޔާރަތް ކުރާ ފެސްޓިވަލެއްގައި އަމިއްލަ ފިލްމެއް ދައްކާލުމަށް ލިބޭ ފުރުސަތަކީ ހަޔާތުގެ ވަރަށް މުހިއްމު ވަގުތުކޮޅެއް ކަމަށް ވެސް އަނޫރާގު ވަނީ ބުނެފައެވެ. އަނޫރާގް ކަޝްޔަޕްގެ އަމިއްލަ ޑައިރެކްޝަނެއް ކަމަށްވާ ފިލްމު "ކެންނެޑީ"އަކީ ތްރިލާ ފިލްމެކެވެ.
މި ފިލްމު އުފެއްދުމުގެ ޚިޔާލު ފުރަތަމަ އައުމާ އެކު ވެސް ސިކުނޑިއަށް އައި ނަމަކީ، ސައުތް ސިނަމާގެ ކުޅަދާނަ އެކްޓަރު ޗިޔާން ވިކްރަމް ކަމަށް އަނޫރާގު ވަނީ ބުނެފައެވެ.
މި ފިލްމުގެ ނަން "ކެންނެޑީ"އަކީ ޗިޔާން ވިކްރަމްގެ ސްޓޭޖް ނަން ކެންނެޑީ ޖޯން ވިކްޓާއާއި ގުޅުވައިގެން ކިޔުނު ނަމެކެވެ. މި ފިލްމު ޗިޔާން ވިކްރަމްއަށް ހުށަހެޅުމަށް އެކްޓަރާ ގުޅަން އުޅުނު މަސައްކަތް ނާކާމިޔާބުވުމުން ފިލްމު ދެން ހުށަހެޅި މިހާރު ލީޑް ރޯލްއިން ފެންނަ އެކްޓަރު ރާހުލް ބަޓްއަށް ކަމަށް އަނޫރާގްވަނީ ބުނެފައެވެ. ފިލްމުގައި ރާހުލް ކުޅެނީ، ކޮރަޕްޓްވެފައިވާ ސިސްޓަމްގެ ތެރެއިން މަސައްކަތްކުރާ ފުލުހެއްގެ ރޯލްއެވެ. ފިލްމުން ކާންސްގައި ރިލީޒްކޮށްފައިވާއިރު ހިންދީ ސިނަމާތަކަށް މި ފިލްމު އަންނާނެ ދުވަހެއް އަދި އިއުލާނު ނުކުރެއެވެ.