28 Apr 2012, 14:17
ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅާ މިހާރު އޮތް ބަޖެޓްގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވާ ކަމަށާއި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމަކީ ކުރުން މި ވަގުތު ރަނގަޅު ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ޖިހާދު މިއަދު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް މިހާރު ވެސް ފައިސާ ނެތިގެން އުޅޭ އިރު އިތުރަށް ފައިސާ ހޯދުމަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމަކީ ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެގެން ދާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން އިގްތިސޯދަށް ވާނީ ގެއްލުން ކަމަށެވެ.
"މިއުޅެނީ މި އަހަރު ކަނޑައަޅާފައި އޮތް ބަޖެޓަށް ވެސް ލާރި ނެތިގެން، އެހެންވީމާ ސަބްލިމެންޓަރީ ބަޖެޓެއް ގެނެސްގެން ހަރަދު ބޮޑުކުރުމަށް ވުރެ ބަލަންވީ މި އަހަރު ފާސްކުރި ބަޖެޓް ފައިނޭންސް ކުރުމަށް،... އަނެއްކާ ބަޖެޓްގައި އެބަ އުޅޭ ރެވެނިއު ޝޯޓް ފޯލްއެއް. އެހެންވީމާ މި ބަލަނީ މި އަހަރު ފާސްކުރި ބަޖެޓްގެ ތެރެއިން ކަންކަން ހަމަޖައްސަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަޖިލީހުން މިއަރަށް ފާސްކޮށްފައި ވަނީ ޖުމްލަ 17.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި 11.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު ޑެފިސިޓްވާނެ ކަމަށް ލަފާކޮށްފައި ވަނީ ތިން ބިލިއަން ރުފިޔާ އެވެ. ސަރުކާރުން ވެސް އަދި އައިއެމްއެފުން ވެސް ލަފާކޮށްފައި ވަނީ 2.4 ބިލިއަނެއްހާ ރުފިޔާ އިން ބަޖެޓް ޝޯޓްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ވަގުތު ބަލަންވީ ބަޖެޓް ހަރަދުކުޑަކޮށްގެންނާއި އާމްދަނީ އިތުރަށް ހޯދޭނެ ގޮތްތަކެއް ހޯދައިގެން އެ މަގުން ކުރިއަށް ދިޔުން ކަމަށާއި ވަޒީރުންގެ މަޖިލީހުން ވެސް ބުރަ ވަނީ އެ ގޮތަށް ކަމަށެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސްވާނެ ހުރިހާ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހެނީ އިތުރަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދާފައި، އެހެންނޫނީ ޑެފިސިޓް ބޮޑުވާނީ، ހަރަދު އިތުރުކުރުމަށް ވުރެ އެ އޮތްގޮތަށް ބާއްވައިގެން ގޮތްތަކެއް ހަމަޖައްސަން މި ވިސްނަނީ، އެގޮތަށް އަޅުގަނޑު މަސައްކަތް މި ކުރަނީ، އާމްދަނީއެއް ނުހޯދި ސަޕްލިމަންޓަރީ ބަޖެޓަކަށް ދިޔުމަކީ ރަނގަޅެއް ނޫން،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެބިނެޓުން އެ މައްސަލައިގައި އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި ނަމަވެސް އެންމެ ފަހުން ބޭއްވި ކެބިނެޓް ޖަލްސާގައި ވެސް ބުރަވީ މިހާރު އޮތް ބަޖެޓްގެ ތެރެއިން ހަރަދުތައް ފެއްތުމަށް ކަމަށެވެ. ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ މާލިއްޔަތު ކޮމެޓީން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމެޓީން ނިންމާ ގޮތަށް އަދި އަމަލު ކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމެޓީގެ ޖަލްސާއެއް މާދަމަ އަށް އެޖެންޑާ ކޮށްފައިވާ އިރު މިނިސްޓަރު ވިދާޅުވީ މާދަމާގެ ކޮމެޓީ އަށް ވަޑައިގަތް ބަޖެޓްގެ މައްސަލައިގައި މަޝްވަރާކޮށް މަޖިލީހަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.