ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެޗްބީއޯގެ ހިޓް ޓީވީ ޝޯ "ޔޫފޯރިއާ"ގެ ތިންވަނަ ސީޒަން 2025 ގައި ނެރުމަށް ތާވަލު ކޮށްފިއެވެ.

ޝޯގެ ދެވަނަ ސީޒަން މިދިޔަ އަހަރުގެ ކުރީ ކޮޅުގައި ދައްކާފައިވާއިރު ޝޯގެ ތިންވަނަ ސީޒަން އަންނަ އަހަރުގެ ތެރޭގައި ދައްކާނެ ކަމަށް ގިނަ ބަޔަކު ތިބީ އިންތިޒާރުކޮށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް އެޗްބީއޯއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ޝޯގެ ތިންވަނަ ސީޒަން ނެރެވޭނެ ކަމަށް ބެލެވެނީ 2025ވަނަ އަހަރުގެ ތެރޭގައެވެ.

މިއީ ދެ ސީޒަންގެ މެދުގައި ބޮޑު ޑިލޭއެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝޯ ޑިލޭ ވެފައިވަނީ ޝޯގެ ޕްރޮޑިއުސަރު ސޭމް ލެވިންސަންގެ އިތުރު ޝޯއެއް ކަމަށްވާ "ދަ އައިޑަލް" މިއަހަރުގެ ތެރޭގައި ރިލީޒް ކުރާތީއެވެ. އެ ސަބަބާ ގުޅިގެން ޔޫފޯރިއާގެ މަސައްކަތްތައް ފަހަތަށް ޖެހި ޝޯ ޑިލޭ ވާން މެދުވެރިވީއެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ މިހާރު ޗެނަލް ތަކުން ޝޯތައް ދައްކާ ގޮތާ މެދު ފާޑު ކިޔަމުންނެވެ.

އެގޮތުން ސީޒަންގެ މެދުގައި އޮންނަ ދުވަސްތައް އިތުރުވާއިރު ބޮޑު މުއްދަތެއް ކޮށްފައި ހައެއް ނުވަތަ އަށް އެޕިސޯޑުގެ ސީޒަނެއް ނެރޭތީ އެކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

އެޗްބީއޯއިން 2019ވަނަ އަހަރު ދައްކަން ފެށި ޔޫފޯރިއާ އަކީ ޒުވާން އުމުރަށް އަޅައިގެން އަންނަ ކުދިންތަކަކަށް ދިމާވާ އިޖުތިމާއީ ތަފާތު މައްސަލަތައް ދައްކުވައިދޭ ޝޯއެކެވެ. ޝޯ ފުރަތަމަ ސީޒަނަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، ދެވަނަ ސީޒަން ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވެއެވެ.

އަންސާމްބަލް ކާސްޓެއް ހިމެނޭ މި ޝޯގެ ލީޑުން ފެންނަ އެކްޓަރުންގެ ތެރޭގައި ޒެންޑާޔާ އާއި ހަންޓާ ޝައިފާގެ އިތުރުން ޖޭކޮބް އިލޯޑީ އާއި ސިޑްނީ ސްވީނީ އަދި އެލެކްސާ ޑެމީ ހިމެނެއެވެ.